ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް މާދަމާއިން ފެށިގެން 1،000 ޑޮލަރަށް ބޮޑުކޮށްފިއެވެ.
މުޅި ދުނިޔެއަށް 2020 ވަނަ އަހަރު ފެތުރުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބޭނުން ކުރެވެނީ 250 ޑޮލަރެވެ. އޭގެފަހުން މިިދިޔަ ޖުލައި މަހުން ފެށިގެން މަހަކު 500 ޑޮލަރަށް އެ އަދަދު ވަނީ ބޮޑު ކޮށްފައެވެ.
ނަމަވެސް ބީއެމްއެލްއަށް އަލަށް ގެނައި ބަދަލާއެކު، ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރުވެސް މިހާރު ވަނީ މަހަކު 3،000 ޑޮލަރަށް އިތުރުކޮށްފައެވެ.
އެގޮތުން ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
މީގެއިތުރުން ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) %2.5 އިން %1އަށް މިއަދު ވަނީ ކުޑަކޮށްފައެވެ. ފުރަތަމަ ފަހަރަށް އެ ރޭޓު ކުޑަކޮށްފައި މިވަނީ ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅިގެންނެވެ.




