ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އަލަށް ގެނައި ބަދަލާއެކު، ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު، މަހަކު 3،000 ޑޮލަރަށް މިހާރު އިތުރުކޮށްފިއެވެ.
ބީއެމްއެލް އިން މިއަދު ބުނެފައިވަނީ މިގެނައި ބަދަލާއެކު، ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށެވެ.
މީގެއިތުރުން ބީއެމްއެލްގެ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް ވެސް މާދަމާއިން ފެށިގެން 1،000 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ.
މުޅި ދުނިޔެއަށް 2020 ވަނަ އަހަރު ފެތުރުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ބޭނުން ކުރެވެނީ 250 ޑޮލަރެވެ. އޭގެފަހުން މިިދިޔަ ޖުލައި މަހުން ފެށިގެން މަހަކު 500 ޑޮލަރަށް އެ އަދަދު ވަނީ ބޮޑު ކޮށްފައެވެ.
ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) %2.5 އިން %1އަށް މިއަދު ވަނީ ކުޑަކޮށްފައެވެ. ފުރަތަމަ ފަހަރަށް އެ ރޭޓު ކުޑަކޮށްފައި މިވަނީ ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅިގެންނެވެ.


