ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށް 4 މީހަކު ފުރުން މަނާކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު ހިނގި މި ފޭރުމުގެ މައްސަލައާ ގުޅިގެން އިތުރުން 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި އިތުރަށް ހައްޔަރު ކޮށްފައިވަނީ:
° ގއ. ވިލިނގިލި، ބިނާ / އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު (27އ.)
° ތ. ވިލުފުށި، އެހީވާގެ / އަހުމަދު މާހިދު (44އ.)
° ސ. ހިތަދޫ، ވަށަގުލިމާގެ / އަލީ އަފްޒަލް (21އ.)
އޭގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. މާހިދު ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި އަފްޒަލް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ.
އަފްޒަލް އާއި މާހިދުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އަފްޒަލްގެ ބަންދަށް ފުރަތަމަ ދިނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ވެލާނާ އެއާޕޯޓުން ފުރާ ދިވެހިންނަށް ދޫކުރަން ގެންދިޔަ 130،000 ޑޮލަރު (ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ) ފޭރުނު މައްސަލައިގައި، އެ ހާދިސާ ހިނގި ދުވަހު ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ.
އެއީ:
° ލ. މާވަށް، ރޭޝަމް / މާޒިން މޫސަ
° މާލެ، މ. ކޯރަސް / އަހުމަދު ރައިހާން ނައީމް
° ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހިމް އަނޫފް
° ކ. ގުރައިދޫ، އަޅިވިލާގެ / ހުސައިން ޝަހުދު



