މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ތާއީދު ކުރައްވާކަން ހާމަކުރައްވާފައި ވަނިކޮށް، އެ ޓިކެޓަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާކަން މިއަދު އިއުލާނު ކުރައްވައިފިއެވެ.
އަލީ އާޒިމަށް ތާއީދު ކުރައްވާކަން ރައީސް ނަޝީދު މިއަދު ވަނީ މީސް މީޑިއާ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
އާދަމް އާޒިމް އަކީ ރައީސް ޞާލިޙުގެ ގާތް ބޭފުޅަކަށްވާއިރު، އަލީ އާޒިމް އަކީ ރައީސް ޞާލިޙުގެ ވެރިކަމުގެ ކުރިން އެމްޑީޕީގައި ބާރު ހިނގަމުންދިޔަ ކުރީގެ ރައީސް ނަޝީދުގެ އަރިސް ބޭފުޅެކެވެ.
މިހާރު ވެސް މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމް މިފަހަރުވެސް އެ މަގާމަށް ވާދަކުރައްވާނެކަން މިމަހުގެ 5 ވަނަ ދުވަހު ވަނީ އިއުލާނު ކުރައްވާފައެވެ.
އެގޮތުން އޭނާ އެއިރު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު 2026ގައި އެމް.ޑީ.ޕީ ތަމްސީލުކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި، މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކުރަން ނިންމާފައިވާ ކަމަށެވެ.
ހަމައެހެންމެ ރަންރީނދޫ ލަޝްކަރު ތިބީ އެކުގައި ގަދަކޮށް ކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.
ޒަމާނުއްސުރެ ގާތް ދެ އެކުވެރިންގެ ގޮތުގައި ހުންނެވި ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ގުޅުން ހީނަރުވެގެން ގޮސްފައިވަނީ، ރައީސް ޞާލިޙުގެ ވެރިކަމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކަކަށް ފަހުގައެވެ.
ނަތީޖާއެއްގެ ގޮތުން އެއިރު ރައީސް ނަޝީދު އާއި އަލީ އާޒިމް ހިމެނޭހެން އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން އެމްޑީޕީ ދޫކުރައްވައި، ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އަދި އެއިރު ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ”ރޫޅާލާނެ“ ކަމަށެވެ.
ނަމަވެސް މި އަހަރު ތެރޭގައި އެ ބޭފުޅުން ވަނީ ޑިމޮކްރެޓްސް އުވާލައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް ރައީސް ޞާލިޙާއި ރައީސް ނަޝީދުގެ ގުޅުން އަދިވެސް ބަދަހިވެފައިވާ މަންޒަރެއް ނުފެނެއެވެ.
އެމްޑީޕީގެ ޓިކެޓަށް ދެ އާޒިމް ވާދަކުރައްވާކަން އިއުލާނު ކުރައްވާފައިވާއިރު، ހައުސިންގް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް އެ ޓިކެޓަށް ވާދަކުރައްވަން އުޅުއްވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.




