މިހާރު ކުރިއަށްދާ މަޝްރޫއުތައް ގިނަވެގެން 24 މަސް ދުވަހުގެ ތެރޭގައި ނިންމަން ބާރުއަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީއިން ފިނޭންސް މިނިސްޓްރީގެ އިސްވެރިންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ބައެއް މެމްބަރުން ސުވާލު ކުރެއްވީ ދާއިރާތަކުގެ މަޝްރޫއުތަކާ ގުޅޭގޮތުންނެވެ.
އެގޮތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ފެށުމަށްފަހު އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އެބަހުރި ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންޓްރެކްޓް ބާތިލުކޮށްގެން ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރިއިރު، މިހާރު މަސައްކަތް އަލުން ފަށާފައިވާ މަޝްރޫއުތައް ވެސް ހިމެނެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ މިހާރު ހިނގަމުން އަންނަ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ކޭޝްފްލޯ މެނޭޖުކުރާނެ ގޮތްތަކާ ބެހޭގޮތުން އެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
”އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރަނީ 8.3 ބިލިއަންގެ ބަޖެޓުގެ ތެރެއިން އެއަށް ވެސް ފައިނޭންސް ކުރެވިގެންދާނެ،“ މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވި ގޮތުގައި ހުއްޓިފައި ހުރި މަޝްރޫއުތަކާ މެދު މި ސަރުކާރުން އަމަލުކުރީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ހުއްޓިފައި ހުރި މަޝްރޫއުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރުމެވެ. އަދި ބައެއް މަޝްރޫއުތައް އަލުން އިއުލާންކޮށް، އާ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމެވެ.



