ފަންނުވެރިންގެ އުފެއްދުންތައް ރައްކާތެރިކޮށްދޭ ޓްރޭޑް މާކްގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ އިގްތިސާދީ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ގެނައި އިސްލާހުތަކާއެކުގައެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ.
އެ ބިލުގެ މަގްސަދަކީ ރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށް ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމުކޮށް ކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމާއި ރެޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާއި ގުޅިގެން ޓްރޭޑްމާކްގެ ވެރިފަރާތްތަކަށް ލިބިގެންދާނެ ހައްގުތަކުގެ ދާއިރާތައް ބަޔާންކޮށް ޓްރޭޑްމާކްގެ ހައްގަކަށް އަރައިގަންނަ އަމަލުތަކާއި ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ބަޔަންކުރުމެވެ.
އެ ބިލްގައި ބުނީ ޓްރޭޑްމާކްއާއި ގުޅިގެން އެކްސްކްލޫސިވް ހައްގު ލިބިދެވޭނީ މާކް ރެޖިސްޓްރީ ކުރުމުން ކަމަށެވެ.
އެގޮތުން ރާއްޖޭގައި ޓްރޭޑްމަރކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ ކަމަށްވެސް އެ ބިލުގައި ބުނެފައި ވެއެވެ.
ޓްރޭޑް މާކް ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރާ މިންގަޑުތަކަށް ފެތެންވާނެ ކަމަށާއި މާކްގެ ގްރެފިކް ރެޕްރެޒެންޓޭޝަނެއް ހުށަހަޅާންޖެހޭނެ ކަމަށާއި މާކްގެ ހާއްސަ ސިފައެއްގެ ގޮތުގައި އޭގެ ކުލަ ކަނޑައެޅުމަށް ބޭނުންވާނަމަ އެކަން އަންގައިދޭ ބަޔާނެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ގާނޫނުގެ ދަށުން މާކެއް ރެޖިސްޓްރީ ކުރެވޭނީ އެ މާކެއް ރެޖިސްޓްރީ ކުރުމަށްޓަކައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ސައްހަ ހުށަހެޅުމެއް އެންމެ ފުރަތަމަ ފުރިހަމަ ކުރާ ފަރާތަކަށް ކަމަށްވެސް ޓްރޭޑް މާކް ބިލުގައި ބުނެފައި ވެއެވެ.



