ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ރޭ އަލުން ހުޅުވުމާ އެކު، އެ އެއާޕޯޓަށް ވައިގެ ދަތުރުތައް އިތުރުކުރުމަށް ދެ ގައުމުގެ މެދުގައި މިއަދު މަޝްވަރާކޮށްފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑު އާއި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރީ ރާއްޖެ-އިންޑިއާގެ ގުޅުން ވަރުގަދަކުރުމާއި ދެ ފަރާތަށް ވެސް މަންފާކުރަނިވި ގޮތަށް ވައިގެ ދަތުރުފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.
ނައިޑޫ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ވެސް މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން ނައިޑޫ މިއަދު ވަނީ ސީޕްލޭން ޓާމިނަލަށް ވެސް ޒިޔާރަތްކުރައްވައި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓްގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލައްވައިފަ އެވެ. ހައި ކޮމިޝަނުން ބުނީ ރާއްޖޭގެ މި ތަޖުރިބާގެ ބޭނުން އިންޑިއާއަށް ހިފިދާނެ ކަމަށެވެ.



