އދ. ދަނގެތީ ހެލްތު ސެންޓަރުގެ އައު އިމާރާތް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޝަރީފެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ދަނގެތީ ހެލްތު ސެންޓަރަށް އަލަށް އިތުުރުކުރުމަށް ހަމަޖެހިފައި ވަނީ 3 ބުރީގެ އިމާރާތެކެވެ. އަދި މި ޢިމާރާތުގައި މައިގަނޑު ގޮތެއްގައި، އެކްސްރޭގެ ޚިދުމަތާއި، ރަނގަޅު ފެންވަރެއްގެ އީ.އާރެއްގެ އިތުރުން އޯޕީޑީ ރޫމްތަކާއި، 04 ވޯޑް ހިމެނޭނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ލެބޯޓްރީއަކާއި، ޕްރައިވެޓް ރޫމްތައްވެސް އެ އިމާރާތުގައި ހިމެނޭނެ ކަަމަށް މިިނިސްޓްރީން މައުލޫމާތުދެއެވެ.
މިއީ 34.9 މިލިޔަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެނެ 420 ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.



