މިއަދަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ދުވަހެވެ. ގަދީމީ ރަސްކަމަކުން ވެރިކަން ކުރުން ނިމި، ޖުމްހޫރިއްޔަތަކަށް މި ޤައުމު ބަދަލުވިތާ 57 އަހަރު ފުރުނު ދުވަހެވެ.
އާންމުކޮށް ކޮންމެ މީހަކަށް ވެސް ޖުމްހޫރީ ދުވަހޭ ބުނުމުން، އެނގިފައިވަނީ އެއީ ނޮވެމްބަރު 11 ކަމެވެ. އެދުވަހުގެ މާނައާއި އެދުވަސް ރާއްޖޭގައި ޒަމާނުއްސުރެ ފާހަގަ ކުރަމުން އަންނަ ސަބަބު ޚާއްސަކޮށް މިޖީލުގެ ޒުވާނުންނަށް އެނގިފައެއް ނުވެއެވެ.
ފުރަތަމަ ކަމަކަށް ”ޖުމްހޫރީ“ ގެ މާނައަށް ބަލައިލަމާތޯއެވެ. ”ޖުމްހޫރު“ ގެ މާނައަކީ މީހުންނެވެ. މިމާނައަށް ވިސްނުމުން ވެސް، ދޭހަކޮށްދެނީ ރާއްޖޭގެ ވެރިކަން ދިވެހި ރައްޔިތުންގެ ބާރުގެ ދަށަށް އައުންކަން ދޭހަވެއެވެ. މިއަށްވުރެ ތަފްސީލުކޮށް ބުނާނަމަ، އޭގެ މާނައަކީ، ރާއްޖޭގައި ވެރިކަން ކުރަން ވެރިއަކު ހޮވާނީ ދިވެހި ރައްޔިތުން ކަމެވެ.
ރާއްޖޭގައި ޖުމްހޫރީ ދުވަސް 11 ނޮވެމްބަރުގައި ފާހަގަ ކުރަން ފަށާފައިމިވަނީ 1968 ވަނަ އަހަރުން ފެށިގެންނެވެ. އެއީ އާއިލީ ރަސްކަމަށްފަހު، ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމަކަށް ރާއްޖެ ބަދަލުވީ ދުވަސް ކަމުގައިވާތީއެވެ. ކުރިންވެސް ބުނި ފަދައިން މިއީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެއް ފެށުނު ދުވަހެވެ. އެގޮތުން ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމަން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅައި އުސޫލުތަކުގެ ދަށުންނެވެ.
ޖުމްހޫރީވެރިކަމެއްގެ އެންމެ މުހިންމު އަދި އެންމެ އަސާސީ އެއް ސިފައަކީ ޤައުމު ހިންގާ ނުވަތަ ޤައުމުގައި ވެރިކަންކުރާ އެންމެ މަތީ ވެރިއަކީ ރައްޔިތުން ހޮވާ ނުވަތަ އެންމެ ގިނަ ބައެއްގެ ތާއީދާއެކު އިންތިހާބުވާ ވެރިއަކަށްވުމެވެ.
އަޅުގަނޑުމެންގެ މި ކުޑަ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް އައުމުގެ ކުރިން އޮތީ އާއިލީ ރަސްކަމެވެ. އާއިލާގެ ތެރެއިން އަންނަ އަދި އާއިލާގެ ތެރެއިން ކުރިއަށްދާ ވެރިކަމެވެ. އެ ރަސްކަމުގައި ރައްޔިތުންގެ ބަހެއް ނުވިކެއެވެ. ރައްޔިތުންގެ ޙިޔާލުތަކަށް މާބޮޑު އިސްކަމެއް ދިނުމެއް ވެސް ނޯވެއެވެ. ހަގީގަތަށް ބުނަންޏާ، ރައްޔިތުންގެ އަގެއް ނެތެވެ. ބަސް ބުނާ އަދި ބުނެވެން އޮންނަ ހަމައެކަނި ފަރާތްތަކަކީ ވެރިކަމުގައި ތިބޭ ރަސްރަސްކަލުން އެކަންޏެވެ.

ދިވެހިން ވެރިކަން ކުރި ގޮތް ދިރާސާ ކުރި އެއް ބޭކަލަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެންތުރޮޕޮލޮޖިސްޓެއް ކަމަށްވާ ހެރީ ޗާލްސް ޕަރވިސް ބެލް (އެޗް.ސީ.ޕީ ބެލް) އެވެ. ރާއްޖޭގައި ކުރިން ހިނގި ރަސްކަމުގެ ވެރިކަމަށް ބެލިބެލިހެން ފެންނަނީ އެ ރަސްކަމުގެ އެވޭލާކަން ކަމުގައި އޭނާ ކުރި ދިރާސާގެ މައްޗަށް ބިނާކޮށް ވިދާޅުވެފައިވެއެވެ. އަދި ދިވެހި ރަސްކަމަކީ އެހެން ޤަދީމީ ޙަޟާރާތްތަށް ފަދައިން ދުވަސްވީ، ޒަމާންވީ ޙަޟާރީ ރަސްކަމެއްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ކުރިން އޮތް ރަސްކަމަކީ ރައްޔިތުންގެ ކުޑަވެސް ބައިވެރިވުމެއް ނެތި ކުރިއަށްދިޔަ ވެރިކަމެކެވެ. މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމަށްފަހު ތާރީޚުން ފެންނަން އޮތް ގޮތުގައި ރާއްޖޭގައި 100 އާ ގާތްކުރާ އަދަދަކަށް ރަސްކަލުން ރަސްކަން ކުރިއެވެ.
ރާއްޖޭގައި މިހާރު ހިނގަމުން މިދަނީ ދެވަނަ ޖުމްހޫރިއްޔާތެކެވެ. ރަސްކަމަކަށްފަހު ޖުމްހޫރިއްޔާތަކަށް ރާއްޖޭގެ ވެރިކަން ބަދަލުވުމުން އެއިރު ސަރުކާރުން އަދި ރައްޔިތުން ވެސް ފުރަތަމަ ތިބީ އެކަމަށް ރަނގަޅަށް ނުހޭނިކަމަށް ބުނެވިދާނެއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާތުގެ ވެރިކަން ދެމިއޮތީ އެންމެ ހަތް މަހާއި 21 ދުވަހުގެ ކުރު މުއްދަތަކަށެވެ.
ރާއްޖޭގައި އުފެދުނު ފުރަތަމަ ޖުމްހޫރީ ވެރިކަން މިފަދަ ކުރުމުއްދަތެއްގެ ތެރޭގައި ނިމުމަކަށް އައުމުން، ރައްޔިތުން އެފަދަ ވެރިކަމަކަށް ވަރަށް ބީރަށްޓެހިކަން ދޭހަވެ އަނެއްކާވެސް އިހު އޮތް ”ރަސްކަމުގެ“ ވެރިކަމަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް އެފަހަރު އުފެދުނީ ކުރިން އެވޭލާ ޒަމާނުގައި އޮތް ރަސްކަމަށްވުރެ ތަފާތު ރަސްކަމެކެވެ. އެފަހަރު އުފެދުނީ ރައްޔިތުން އިންތިހާބު ކޮށްގެން އައްޔަނުކުރި އިންތިހާބީ ރަސްކަމެކެވެ. ދައުލަތުގެ އެންމެ އިސްވެރިއަކަށް ރަސްގެފާނު ހުރިކަމުގައި ވިޔަސް، ސަރުކާރު ހިންގެވުމުގެ އެންމެ މަތީ ވެރިއަކަށް ހުންނެވީ ބޮޑުވަޒީރެވެ. ރާއްޖޭގެ ތާރީޚަށް ބަލައިލާއިރު ދިވެހި ރާއްޖެ ރަސްކަމުން ދެވަނަ ޖުމްހޫރިއްޔާތަކަށް މިސްރާބުޖެހީ މިހާ ހިސާބުންނެވެ. ޖުމްހޫރީވެރިކަމަށް އޮތް ބީރަށްޓެހިކަން ވެސް ފިލަންފެށީ މިހާ ހިސާބުންނެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްއަކީ އަލްމަރްހޫމް މުޙައްމަދު އަމީން ދީދީއެވެ. އެއިރު ކަންހިނގާ ދިޔަ ގޮތަކީ 1943 ވަނަ އަހަރު ރަދުން އައްސުލްތާން ހަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުހަންމަދު ފަރީދު ދީދީއާ ދެބޭފުޅުން އެއްފަހަރާ އިސްތިއުފާ ދެއްވުމުން ވެރިކަމަށް ގާނޫނީ ހުސްކަމެއް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހު ވެސް ހޫނުވީއެވެ. ޤައުމުގެ އިސްވެރިއަކު ނެތި އެހާ ގިނަ ދުވަސްވުމުން ރަންނަބަނޑޭރި ކިލެގެފާނު ތަހުތަށް އިސްކުރުމަށް އެއިރުގެ ވަލީ ކޮމިޓީއިން ނިންމައި އެމަނިކުފާނަށް އެކަން ހުށަހެޅުނެވެ. ނަމަވެސް އޭރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވީ ރާއްޖޭން ބޭރުގައި ކަމުން ގާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ. އެހެންކަމުން މަޝްވަރާތަކެއް ކުރުމަށްފަހު އެމަޤާމަށް މުޙައްމަދު އަމީން ދީދީ އިސްކުރުމަށް ނިންމަވާ ހުށަހެޅުއްވިއެވެ. ނަމަވެސް މިކަމުގައި އެމަނިކުފާނުގެ ޝަރުތަކަށްވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވާނީ ރަސްކަލެއްގެ ގޮތުގައިތޯ ނުވަތަ ރައީސެއްގެ ގޮތުގައިތޯ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމެވެ.
މިފަދައިން ރާއްޖޭގެ ވެރިކަމުގެ ސިފަ ބަދަލުކޮށްލުމަށް ނެގި ވޯޓުގެ ނަތީޖާއަކަށްވީ 99 އިންސައްތަ ތާއީދާ އެކު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރަން ނާދީ ތަމައްދުންގައި މާލޭ މީހުންނާއި އެކި އަތޮޅުތަކުގެ މީހުންނަށް ބެހެއްޓިފައި ހުރި ވޯޓުފޮށިތަކުގެ ނަތީޖާއިން ފާސްވިއެވެ.
އަލްމަރްހޫމް މުޙައްމަދު އަމީން ދީދީ ރާއްޖޭގެ ރައީސްކަމާ ހަވާލުވެލެއްވީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް އެވެރިކަން ވެގެންދިޔައީ ވަރަށް ވެސް ކުރު މުއްދަތަކަށް ކުރެވުނު ވެރިކަމަކަށެވެ. އެއިރު އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު ވެރިކަމަށް އަހަރެއް ނުވަނީސް ރައީސް އަމީންގެ ވެރިކަން ވައްޓާލައި އެނިޒާމު އުވާލެވުނެވެ. އަދި ކުރިން އޮތް ފަދައިން ރަސްކަމުގެ ވެރިކަމަކަށް 1954 ވަނަ އަހަރު ރާއްޖެ ބަދަލުވިއެވެ. ރަސްކަމަށް އެއިރު އިސްކުރެއްވީ އައްސުލްތާން މުހައްމަދު ފަރީދުލްއައްވަލް އެވެ.

މިރަސްކަމުގެ ނިޒާމަށް ނިމުމެއް ގެނެސް ރާއްޖެ ދެވަނަ ޖުމްހޫރިއްޔާތަކަށް ދިޔައީ 11 ނޮވެމްބަރު 1968 ވަނަ އަހަރުއެވެ. އެދުވަހަކީ ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެން އިބްރާހިމް ނާސިރު ވެރިކަމުގެ ހުވާވެސް ކުރެއްވި ދުވަހެވެ. އެމަނިކުފާނު 10 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވާފައިވެއެވެ.

ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެވެ. ރައީސް މައުމޫން ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވީ 11 ނޮވެމްބަރު 1978 ގައެވެ. އެމަނިކުފާނު ވަނީ ދިގު 30 އަހަރު ދުވަސް ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވާ ތާރީޚު ލިޔެފައެވެ.

އެއަށްފަހު ދެން ރައީސަކަށް ހޮވިވަޑައިގެންނެވީ ރައީސް މައުމޫންގެ ވެރިކަން ބަދަލުކޮށްލައި ތާރީޚު ބަދަލުކޮށްލި މުޙައްމަދު ނަޝީދެވެ. އެމަނިކުފާނާއެކު ސިޔާސީ އެކިއެކި ޕާޓީތަކުގެ މަސައްކަތްތަށް ވެސް ރާއްޖެއަށް މިވަނީ ފުޅާކޮށް ތަޢާރަފްވެފައެވެ.

ނަމަވެސް ފަސް އަހަރުގެ ދައުރު ނުނިމެނީސް 7 ފެބްރުއަރީ 2012 ގައި ވެރިކަމުން އިސްތިއުފާ ދިނުމުން ދެން އެމަގާމާ ހަވާލުވެވަޑައިގަތީ އެއިރު ނައިބުރައީސްކަމުގެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ވަހީދު އެމަގާމާ ހަވާލުވެވަޑައިގަތުމުން އެކަމާ އެންމެ ބޮޑަށް ނުރުހުންވެ ފާޑުކީ އެމްޑީޕީ ސަރުކާރުންނެވެ.

އޭގެފަހުން ރައީސް މައުމޫންގެ ތަރުހީބާ އެއްބާލުމާވެސްއެކު ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާ އެވެރިކަން ކާމިޔާބު ކުރެއްވީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ. އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ 17 ނޮވެމްބަރު 2013 ގައެވެ.

އެތައް ބައެއްގެ ރުހުމާ ނުރުހުން ވެސް ލިބިގެން ފުރަތަމަ ދައުރުގެ ފަސް އަހަރު ފުރިހަމަ ކުރުމަށްފަހު އިންތިހާބުން ބޮޑުތަނުން ބަލިވެ ދެން ރާއްޖޭގެ ރައީސަކަށް ހޮވިފައިވަނީ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ 17 ނޮވެމްބަރު 2018 ގައެވެ. އެމަނިކުފާނު ވެސް ވެރިކަމުން ފައިބާ ވަޑައިގަތީ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.

އެއަށްފަހު 17 ނޮވެމްބަރު 2023 ގައި ރާއްޖޭގެ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވިއެވެ.
ރާއްޖޭގެ ދެވަނަ ޖުމްހޫރީ ނިޒާމަށް މިއަދު މިފުރުނީ 57 އަހަރެވެ. ވެރިކަމަށް އެކި ބަދަލުތަށް އައިސް، މިހާރުވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްލަން ބަޔަކު ދުވަސްކޮޅުކޮޅުން އުޅޭކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެވޭލާ ޒަމާނާ ޚިލާފަށް ދެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނިންމާނީ ރައްޔިތުންނެވެ.



