ތަރައްގީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް ހޯދިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހާ ގުޅިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ”އެކްސް“ ގައި ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ޙާޞިލްކޮށް ދިނުމަށް މި ސަރުކާރުން ފެށި ދަތުރުގައި އަޅުގަނޑުމެން ކުރިއަށް ދާނީ މާތްﷲގެ ޙަޟްރަތުން ވާގި އެދިތިބެ، އިޚްލާސްތެރިކަމާއެކު ކަމަށެވެ.
”ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަމުން، ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ ދިވެހި ޤައުމަށް ބާއްޖަވެރިކަމާއި ފާގަތިކަމުގައި އަބަދުމެ ލެހެއްޓެވުން އެދި ދުޢާ ކުރައްވަމުންނެވެ.



