ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުވުމުން، ހެޔޮ ބަދަލެއް އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ސިވިލް ސަރވިސްއާއި ކައުންސިލްތަކުގެ މުވައްޒަފުންނާއި ޖުޑީޝަރީ ހިމެނޭހެން ހުރިހާ ފަރާތްތަކެއްގެ މުސާރަ ޕޭ ހާމަނައިޒް ކުރެވިގެން ކުރިއަށް ގެންދިޔުމަށް މިއަދުން ފެށިގެން ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
”އެއްވެސް ހާލެއްގައި، އެއްވެސް އޮފީހެއްގެ މުވައްޒަފަކަށް، އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް މިކަމުގެ ސަބަބުން ވާނަމަ އެކަމެއް ހަމަ ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މުއައްސަސާއެއްގެ ކަމާބެހޭ ފަރާތްތަކުން ޕޭ ކޮމިޝަނާ އެކީގައި ކުރައްވާނެ. އެއްވެސް ކަހަލަ ތަފާތުކުރުމެއް ނުވަތަ މައްސަލައެއް އުޅެންޏާވެސް އެބޭފުޅުން ހައްލު ކުރައްވާނެ“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކޮންމެ ސަރުކާރަކަށް ވެސް ކަންކަން ކިރެވިފައި އޮތީ ސިވިލް ސާވިސްގެ ބުރަ މަސައްކަތާ އެކީގައި ކަމަށެވެ. އަދި އެންމެން ގުޅިގެން އެއް ޓީމެއްގެ ގޮތުގަައި، ރައްޔިތުންނަށްޓަކައި އެއް އަމާޒެއްގައި މަސައްކަތް ކުރަމުންދާނަމަ ނަތީޖާ ރަނގަޅުވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.




