އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މެދުތެރޭގައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ރެޑް ފޯޓް ސަރަހައްދުގައި ރޭ ކާރެއް ގޮވައި ހިނގި ހާދިސާގައި މިހާތަނަށް 13 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މީހުން ގިނަ، އިންޑިއާގެ ލޭންޑްމާކެއް ކަމަށްވާ ރެޑް ފޯޓް ސަރަހައްދުގައި، ރޭ އިރާކޮޅު ހިނގި މި ހާދިސާގައި އަށް މީހަކު މަރުވި އިރު 19 މީހަކު ޒަހަމްވެފައިވާ ކަމަށް ރޭގައި ވަނީ ރިޕޯޓުކޮށްފައެވެ.
ނަމަވެސް މި ގޮވުމުގެ ސަބަބަކީ ކޮބައިކަމެއް އަދި ލަފާކުރެވޭ ގޮތެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ރޭ ވަރަށް ދަންވި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ތަހުގީގު ކުރިއަށްދަނީ ”ހުރިހާ ދިމާލަކަށް ނަޒަރު ބަހައްޓައިގެން“ ކަމަށާއި ފޮރެންސިކް ތަހުލީލުތައް ނިމުމުން ނޫނީ މިއީ ”ކިހިނެއް ހިނގި ހާދިސާއެއްކަން ބުނަން އަދި ވަރަށް އުނދަގޫ“ ކަމަށެވެ.
ކާރު ގޮވައި، އެހެން ބައެއް ވެހިކަލްތައް ވެސް އަނދައިގެން ދިޔަ ނުރައްކާތެރި ހާދިސާ ހިނގި ސަރަހައްދު މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ގޮވި ވެހިކަލް ވެސް ނުފެންނަ ގޮތަށް ފޮރެންސިކް ޓީމުތަކުން ވަނީ ބަންދުކޮށްފަ އެވެ. ފޮރެންސިކް ޓީމްތަކުގެ އިތުރުން އެންޓި ޓެރަރިޒަމް އެޖެންސީތަކުން ވެސް ހެކި ހޯދުމުގެ މަސައްކަތް އެ ސަރަހައްދުގައި ގެންދަނީ ކުރަމުންނެވެ.



