މާލެ ސަރަހައްދު ނުވަތަ ރަސްމާލެ ސަރަހައްދުން 15،000 ގޯތި ދިނުމަށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅިގެން މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އިގްތިސާދީ މައްސަލަތަކާއި ގައުމީ ބޮޑެތި މައްސަލަތައް ހައްލު ކުރަމުން ސަރުކާރުން އެންމެ އިސްކަމެއް ދެނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ބިން ދިނުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”ވަރަށް އަވަހަށް ރަސްމާލެއިން 15،000 ގޯއްޗަށް ހުޅުވާލައި، އެކަމުގެ ތަފްސީލްތައް ފަހުން އާންމުކުރާނަން. އަދި ބިން ހިއްކައި ނިމެންވާއިރަށް ގޯތި ލިބޭ މީހުން ކަނޑައަޅައި ނިންމަން އަޅުގަނޑު ބޭނުން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރަސްމާލެއިން ހިއްކާ ބިމުން ފުރަތަމަ ބުރުގައި 15،000 ގޯތި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކައި ނިމިގެންދާނެ ބިންތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”15،000 ގޯތި ދޭނީ މާލޭގެ ރަށްވެހިންނަށް. މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށް. މާލޭގެ ދަފްތަރުގައި ތިބި ފަރާތްތަކަށް. މި ފަރާތްތައް ހިމެނޭހެން ޖުމްލަކޮށް މާލޭގައި ދިރިއުޅޭ އެކި ފަރާތްތަކަށް، މިއީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުން. ކުދިކުދި ގޯޅިތައް ހުރި ގޯތިތަކަށް ލޯން ނުނެގޭތީ، އެ ގޯތިތައް އެއްކޮށް ދޫކޮށްލާފައި ލާ ޖައްސާ އުސޫލުން ބިން ބޭނުންވާ ފަރާތްތައް ވެސް ހިމެނޭ،“ ރައީސް ވިދާޅުވިއެވެ.
މާލޭގެ ރަށްވެހިންނަށާއި ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި އެކަނިވެރިމައިންނާއި ބަފައިންނާއި ޒުވާނުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނާއި އެކިއެކި މުއައްސަސާތަކުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވިދާޅުވީ މި ހުރިހާ މީހުންނަށް ވެސް ރަސްމާލެއިން ގޯތި ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.




