ކަރަޕްޝަންގެ އަމަލުތަކާ ދުރަށްދާން ނިންމިވަރަކަށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނެ ކަަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅދައްކަވަމުންނެވެ.
އެގޮތުން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ގިނަފަހަަރު ކޮރަޕްޝަނުގެ އަމަލުތައް ހިންގަނީ އެކަން ކުރުމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނަ ފަރާތްތަކަށް ކަމަށެވެ.
އެފަދަ އަމަލުތައް ހިންގަނީ އެންމެ ގިނައިން ދަށުފަންތީގެ ވަޒީފާއިން ފެށިގެން މެދުފަންތީގެ ލެވެލްގެ ވަޒީފާތަކުގައި ކަމަށާއި އެންމެ މަތީ ލެވެލްގެ ވަޒީފާތަކުގައިވެސް އެފަދަ ކަންކަން ހިންގާކަމަށް ރައީސް ވިދާޅުވިއެވެ.
”އެހެންނަމަވެސް މިސާލަކަށް ދަންނަވަނީނަމަ ހިދުމަތެއް ދިނުމުގައި ރައްޔިތުން ގޮސް ބައްދަލުކުރާމީހާގެ އަތުން އެ ޚިދުމަތް ދިނުމުގައި އޭގެ ތެރެއިން އަމިއްލަ ފައިދާ ނެގުމުގެ ފުރުސަތު އޮންނަ މީހާ އެކަން ކުރާވަރު ހަމަ އަބަދުވެސް ގިނަ.. މިސާލަކަށް ދަންނަވަނީނަމަ ވޯކް ޕާމިޓެއް އާކުރުން ނޫންނަމަ ބޭރު މީހުންގެ ވިސާ ކަންތައް އާކުރުން“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ކަންކަމަކީ މީގެ ކުރިން ކަރަޕްޝަން އިންތިހާއަށް އޮތް ކަންތައްތައް ކަމަށާއި ނަމަވެސް މިހާރު ވާނީ އެކަންކަން ކަރަޕްޝަން ހިންގަން ފުރުސަތު ނޯންނާނެހެން ޑިޖިޓަލައިޒް ކުރެވިފައި ކަމަށެވެ.
އަދި ސަރުކާރުގެ ހިންގުމުގެ ނިޒާމު ކޮރަޕްޝަނާ ދިމާލަށް ދާން ދޫކޮށްލައިގެން ތިބޭނަމަ އަދުލުވެރި ވެރިކަމެއް ނުކުރެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
”ޖުމްހޫރީ ވެރިކަމެއްގައި ދެފުށްފެންނަ އިންސާފުވެރި އަދުލުވެރި ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަންގެ ބޮޑު ވަބާއިން ސަލާމަތްވެގެން“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކަރަޕްޝަންގެ އަމަލުތަކާ ދުރަށްދާން ނިންމިވަރަކަށް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ދެވޭނެ ކަަމަށެވެ.




