ފައިސާގެ ހުރިހާ ކަމެއް ހަމަޖެހި، 825 ހައުސިންގް ޔުނިޓް 13 ރަށެއްގައި އެޅުމަށް ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް މައްސަލައަކީ ގެދޮރުވެރިކަމަށް ހައްލު ހޯދައިދިނުން ކަމަށެވެ.
އެހެންކަމުން އެ ގޮތުގެ މަތިން ފައިސާގެ ހުރިހާ ކަމެއް ހަމަޖެހި، 825 ހައުސިންގް ޔުނިޓް 13 ރަށެއްގައި އެޅުމަށް ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް އިތުރަށް ހައްލެއް ގެނެސްދިނުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މާލެ ސަރަހައްދުން 15،000 ގޯތި ދޫކުރުމަށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.
”15،000 ގޯތި ދޭނީ މާލޭގެ ރަށްވެހިންނަށް. މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ފަރާތްތަކަށް. މާލޭގެ ދަފްތަރުގައި ތިބި ފަރާތްތަކަށް. މި ފަރާތްތައް ހިމެނޭހެން ޖުމްލަކޮށް މާލޭގައި ދިރިއުޅޭ އެކި ފަރާތްތަކަށް، މިއީ މާލޭގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުކުރުން. ކުދިކުދި ގޯޅިތައް ހުރި ގޯތިތަކަށް ލޯން ނުނެގޭތީ، އެ ގޯތިތައް އެއްކޮށް ދޫކޮށްލާފައި ލާ ޖައްސާ އުސޫލުން ބިން ބޭނުންވާ ފަރާތްތައް ވެސް ހިމެނޭ،“ ރައީސް ވިދާޅުވިއެވެ.
މާލޭގެ ރަށްވެހިންނަށާއި ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި އެކަނިވެރިމައިންނާއި ބަފައިންނާއި ޒުވާނުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޓެކްސީ ޑްރައިވަރުންނާއި އެކިއެކި މުއައްސަސާތަކުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވިދާޅުވީ މި ހުރިހާ މީހުންނަށް ވެސް ރަސްމާލެއިން ގޯތި ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.



