ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 97 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވައިފިއެވެ.
އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަޔާއި ހަނދާނީ ލިޔުން ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.
މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ނަމުގައި އިނާމު ދެއްވަން ފެއްޓެވީ، 2021ވަނަ އަހަރުގައެވެ. އެއީ، ވަރަށް ދިގު މުއްދަތަކަށް އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާ ގިނަ އަދަދެއްގެ ބޭފުޅުން އޭރުވެސް ތިއްބެވުމާއެކު، އެ ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.



