ހުޅުމާލޭ ފަޅުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެ އަނދަން ފަށައިފިއެވެ.
ރޯވެފައި ވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ”ހޯކްސް ރޯދި“ ނަމަކަށް ކިޔާ ތެޔޮ އުފުލާ ބޯޓުގައެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 13:00 ހާއިރު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ދިގުމިނުގައި 40 ފޫޓު ހުރި އެ ބޯޓުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ ރައްޔިތެއްގެ އަތާއި ފައި ފިހިގެން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ޕެޓްރޯލް ލޯންޗު ހަރަކާތްތެރިވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބޯޓުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.
އަދި އެ ސަރަހައްދަށް ވަނީ ރޯވެފައިވާ އަލިފާންގަނޑުން ބޯ ކަޅުދުންގަނޑެއް ފެތުރިފައެވެ.



