ސަރުކާރު ހިންގާ ނިޒާމު ކޮރަޕްޝަންގެ ތެރެއަށް ދާން ދޫކޮށްލާ ނަމަ އަދުލުވެރި ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮރަޕްޝަން ނައްތާލަންޖެހޭ ކަމަށާއި އެކަން ނައްތާލަން ކުރެވޭނެ ހުރިހާ ކަމެއް ކުރަން އެމަނިކުފާނު ވައުދުވެވަޑައިގެންފައި ވާނެ ކަމަށެވެ.
އެގޮތުން ސަރުކާރު ހިންގާ ނިޒާމު ކޮރަޕްޝަންގެ ވަބާގެ ތެރެއަށްދާން އަނެއްކާވެސް ދޫކޮށްލާނަމަ އަދުލުވެރި ވެރިކަމެއް ނުކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
”މިއީ ވަކި މި ގައުމުގައި އޮތް ކަމެއް ނޫން. ކޮންމެ ތާކު ވެސް އޮތް ނޭދެވޭ ސިފައެއް. މިކަން ނައްތާލަން މަސައްކަތްކުރަނީ ކިހާ ވަރަކަށްތޯ އެއީ ތަފާތަކީ. މީހުން ބަލަންޖެހޭނެ ތަފާތަކީ، މިންކުރަން ޖެހޭނެ ގޮތަކީ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރު ހަރުދަނާކޮށް އަދުލުވެރިކުރަން ކުރަންޖެހޭނެ އެންމެ މުހިންމު އެއް ކަމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމާ އެކު ޖަވާބުދާރީކުރެވޭނެ މިންވަރު އިތުރުކުރުމެވެ. އެގޮތުން، ސަރުކާރު ހަރުދަނާ ކުރުމުގެ އެންމެ ބޮޑު އެއް މަސައްކަަތް ފެށޭނީ އަންނަ އަހަރު ފަށާ ޑިޖިޓަލައިޒް މަޝްރޫއުއާ އެކުކަން ރައީސް ފާހަގަކުރެއްވިއެވެ.



