ފުވައްމުލައް ސިޓީގައި ފެނަކައިން ފޯރުކޮށްދެމުން އަންނަ ސަޕްލައި ފެނުގެ ނެޓްވޯކަށް މައްސަލަތަކެއް ދިމާވެ، އިއްޔެއިން ފެށިގެން ފެން މެދުކަނޑާލައި ފެނަށް ޖެހިފައިވާ މައްސަލައަށް ހައްލެއް ގެނެސް ދިނުމުގެ ގޮތުން ސަރުކާރުން އެ ސިޓީއަށް ފެނާއި އިތުރު އެހީތެރިކަން މިއަދު ފޮނުވައިފިއެވެ.
ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، އިއްޔެ މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރު ވެފައިވާތީއެވެ.
މިކަން ހައްލު ކުރުމަށް ދެ ދުވަސް ނަގާނެ ކަމަށް ފެނަކައާ ހަވާލާދީ ފުވައްމުލަކު ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ފުވައްމުލައް ސިޓީގެ ވޯޓަރ ސަޕްލައިއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެކަން ޙައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ްެއެގޮތުން މިމައްސަލަ ކުރިމަތިވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ފަށާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިހާތަނަށް 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ގެންދެވިފައިވާ ކަމަށާއި މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައި ވާއިރު، އިތުރު ބޯފެން ފުވައްމުލަކު ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
”ފުވައްމުލައް ސިޓީގެ ފެން ތަގައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަންފަށާނެ.“ ހީނާ ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީއަށް މިވަގުރު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ހީނާ ވިދާޅުވިއެވެ.




