ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ވަޢުދުފުޅަށް އިސްކަންދެއްވައިގެން، މިހާތަނަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކީ، އެކަން ކުރެއްވޭނެ ހިސާބަށް ވާސިލުވެވި، އެކަން ކުރައްވަން ފެއްޓެވިފައިވުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ ވަޢުދަށް އިސްކަންދީގެން، މިހާރު މި ވަނީ އެކަން ކުރެވޭނެ ހިސާބަށް ވާސިލުވެވި އެ ކަން ކުރައްވަން ފެށިފައި ކަމަށެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް މާލޭ ސަރަޙައްދުގެ ބިން އިތުރުކުރުމަށް ބާރު ދުވެލީގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.
އަދި މާލެ ސަރަޙައްދުގައި 3000 ހައުސިންގް ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށާ، އިންޑިއާގެ ލައިން އޮފް ކްރެޑިޓުން އިތުރު 4000 ހައުސިންގް ޔުނިޓް ހަމަޖެހިފައިވާކަމުގައި އެމަނިކާފުނު ފާހަގަކުރެއްވިއެވެ.
މާލެ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން، ޑިސެމްބަރު މަހު ގެނެވޭ އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
ހަމައެހެންމެ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައިނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށާއި މަސައްކަތް ކުރައްވަނީ، ބިންހިއްކުމުގެ މަޝްރޫޢު ނިމެންވާއިރަށް، ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅައި ނިންމެވުމަށްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.




