އަމިއްލަ ދަރިފުޅަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިން މައްސަލައެއްގައި އުމުރުން 50 އަހަރުގެ އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ބުނީ މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަަށް އެ ކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 28 އޮކްޓޯބަރ 2025 ވަނަ ދުވަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ އުމުރުން 50 އަހަރުގެ މަންމަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.



