ޝަރީއަތް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަކަށް ޖަލުގައި ބަންދުކޮށްފައި ތިބޭ ތިބުން ނުވަތަ ”ވާނުވާ“ ބަންދުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ކޯޓުތަކަށް ފަހިކޮށްދޭންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެ މައްސަލަ ވަރަށް އަވަހަށް ހައްލުވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ، ވާނުވާ ބަންދުގައި މީހުން ތިބެގެން ނުވާނެ ކަމަށާއި އެކަމަކު އެކަން ހައްލުވާނީ ކޯޓުތަކާއި ތަހުގީގީ އިދާރާތަކަށް ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންކަން ފަހިކޮށްދީގެން ކަމަށެވެ.
އެކަންކަން ފަހިކޮށްދިނުމަށްޓަކައި އަދި ޝަރުއީދާއިރާގެ ތެރެއިން ނިންމަންހުރި ކަންކަން ނިންމުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތައްކޮށް، ކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ކްރިމިނަލް ކޯޓަށް ބޭނުންވާ ޖާގަ އިތުރުކުރަން އާ އިމާރާތެއް މިހާރު އަޅައިދެވިފައިވާނެ ކަމަށާއި ދައުލަތުގެ ބަޖެޓު ކަނޑައެޅުމުގައި ޝަރުއީ ދާއިރާގެ ބަޖެޓް ވަކިކޮށްދެއްވާފައި ވާނެ ކަމަށެވެ.
މީގެއިތުރުން ގާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައިވީ ނަމަވެސް، އެކަމަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން ދޭނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.



