މި އަންނަ ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޒުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ 1447 ވަނަ އަހަރު މާލެސިޓީއާއި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ދިވެހި ޙާފިޡުން ކަނޑައެޅިފައިވާ ފޯމާއި، ލިޔުންތަކާއެކު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން އެދިފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާ އިން ފޯމާއި އެހެނިހެން ލިޔުންތައް އެ މިނިސްޓްރީ އަށް ހުށަހަޅާނީ، 2026 ޖަނަވަރީ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް އެދޭ ފޯމު ކައުންސިލްގެ އިދާރާ ތަކުންނާއި އެ މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިން ލިބެން ހުންނާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ދިވެހި ޙާފިޒުންނަށް އެލަވަންސް ފައިސާ ދޭނީ އިމާމުވެ ޙިފްޒުކޮށް ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެޔަކަށް -/500 (ފައްސަސަތޭކަ) ރުފިޔާގެ މަގުން ކަމަށެވެ.
މިގޮތުން ގިނަވެގެން ފައިސާ ދޭނީ މިސްކިތަކަށް ދިވެހި 2 ޙާފިޒުންނަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ 1447 ވަނަ އަހަރު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ހުއްދަ ދޭނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތައް މެދުވެރިކޮށް އެ މިނިސްޓްރީ އަށް ހުށަހަޅާ ލިޔުންތަކަށް ބަލާފައި ކަމަށެވެ.




