މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް،ސިނޯމެކް ސީއެމްއީސީ ގްރޫޕްގެ ރައީސް ފަންގް ޔަންޝުއީ އަދި އެ ގްރޫޕުގެ ޒިޔާރަތްކުރާ ވަފުދާއި ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީގައި މަސްވެރިކަމުގެ ބަނދަރެއް ތަރައްޤީކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އެ މަޝްރޫޢުގެ މަސައްކަތް އަވަސްކޮށް، ވަގުތަށް ނިންމުމަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ.
”މި ބައްދަލު ކުރެއްވުމުގައި، ސަރުކާރާއި ސީއެމްއީސީ ގްރޫޕާއި ދެމެދު އައްޑޫގައި މަސްވެރިކަމުގެ ބަނދަރެއް ތަރައްޤީކުރުމަށް ސޮއިކުރެވިފައިވާ ފަހުމުނާމާއާ ގުޅޭގޮތުން ވަރަށް ތަފްސީލީ މަޝްވަރާތަކެއް ކުރެވުނު“ މިނިސްޓްރީން ބުނެފައި ވެއެވެ.
އަދި އެ މަޝްރޫޢު ތަންފީޒުކުރުން އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، މަޝްރޫޢުގެ މަސައްކަތް ވަގުތަށް ނިންމޭނެކަން ކަށަވަރުކުރުމާ ބެހޭގޮތުން ވަނީ ޚިޔާލު ބަދަލުކޮށްފައި ކަމަށް މިނިސްޓްރީން ބުނެއެވެ.
ސީއެމްއީސީ ގްރޫޕްގެ ރައީސް ފަންގް ޔަންޝުއީ ވަނީ މި މަޝްރޫޢަށް މިނިސްޓްރީން ދެއްވާ ގާތް އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި އައްޑޫ ސިޓީގެ އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީއާއި މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމުގައި މި މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވައި، މި މަޝްރޫޢަށް ސީއެމްއީސީގެ ފުރިހަމަ އިލްތިޒާމް ކަށަވަރުކޮށްދެއްވިއެވެ.
މި މަޝްރޫޢަކީ އައްޑޫ ސިޓީގެ މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ، އަދި އެ ސިޓީގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ފައިދާހުރި ވަޒީފާގެ ފުރުޞަތުތައް ގިނަކުރާނެ މަޝްރޫޢެއް ކަމަށް މިނިސްޓްރީން ބުނެއެވެ.



