ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން ދިވެހިބަހުގެ އެންމެ ފުރަތަމަ ޑޮކްޓަރ އޮފް ފިލޯސޮފީގެ ސަނަދު، ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދެވި ޑރ. ޢާމިނަތު ޒާހިރުއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހުގެ އެންމެ ފުރަތަމަ ޕީ.އެޗް.ޑީ. ދިވެހި ބަހުން ހާސިލު ކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ޑޮކްޓަރ އާމިނަތު ޒާހިރަށް ތަހުނިޔާ އަދާކުރެއްވިއެވެ.
އަދި މިއީ، ދިވެހިބަސް ކުރިއެރުވުމަށް ކޮށްދެއްވި ވަރަށް މުހިއްމު ޚިދުމަތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހިބަސް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވަމުންގެންދަވާކަން ފާހަގަކުރައްވަމުން، މިގޮތުން އިސްކަން ދެއްވަމުން ގެންދަވާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑރ. އާމިނަތު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސްއަށް ޝުކުރު ދެންނެވިއެވެ.
އަދި މި ފުރުޞަތު ދެއްވިކަން އެއީ، ދިވެހި ބަހަށާއި ދިވެހި ބަސް ކުރިއެރުވުމަށް ރައީސް ދެއްވާ ސަމާލުކަމުގެ ވަރަށް ބޮޑު ދަލީލެއް ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ދިވެހި ލެންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މަޙްމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމްވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
އެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ދިވެހިބަސް ކުރިއެރުވުމަށާއި، ދިވެހިބަހުގެ ރޮނގުން މީހުން ބިނާ ކުރެއްވުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި ދެއްވާ އަހައްމިއްޔަތު ޝުކުރުވެރިކަމާއެކުގައި ފާހަގަކުރެއްވިއެވެ.
ޑރ. އާމިނަތު ޒާހިރުގެ ޢިލްމީ ދިރާސާގެ މައިގަނޑު މަޤްޞަދަކީ، ދިވެހިބަސް ކުރިއެރުވުމަށްޓަކައި ޢަމަލުކުރަންވީ ގޮތްތައް ދެނެގަތުމެވެ.
ޑރ. އާމިނަތު ޒާހިރުގެ ތީސީސްގެ ކޮޕީއެއް މި ބައްދަކުރެއްވުމުގައި، އޭނާވަނީ ރައީސްއަށް ވެދުމަށް އަރުވާފައެވެ.
ދިވެހިބަހުގެ އެންމެ ފުރަތަމަ ޑރ. އޮފް ފިލޯސޮފީގެ ސަނަދު ދިވެހިބަހުން ހާސިލުކުރެއްވުމުގެ ޝަރަފު ހޯއްދަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޑރ. އާމިނަތު ޒާހިރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ހަނދާނީ ފިލައެއް އަރުވާފައެވެ.



