މިއަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގައި ކުރި ވަރުގަދަ މުޒާހަރާއާ ގުޅިގެން މިހާތަނަށް 423 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް އެ ޤައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
މި މުޒާހަރާ ފެށިފައިވަނީ އެ ޤައުމުގައި ސޯޝަލް މީޑިއާ މަނާ ކުރުމާ ގުޅިގެން، ނޭޕާލްގެ ”ޖެން-ޒީ“ ޒުވާނުން އިސްވެ ތިބެއެވެ. ނަމަވެސް ފަހުން އެ މުޒާހަރާގެ ސަބަބުތައް، ނޭޕާލްގައި އާންމުވެފައިވާ ކޮރަޕްޝަނާއި އިގްތިސާދީ އެކި މައްސަލަތަކާ ހިސާބަށް ދެމިގެންދިޔައެވެ.
ނަތީޖާއެއްގެ ގޮތުން އެ މުޒާހަރާ ވެގެންދިޔައީ ނޭޕާލުގައި އެއިރު އޮތް ވެރިކަން ވައްޓާލި ބޮޑު މުޒާހަަރާ އަކަށެވެ.
އެގޮތުން މުޒާހަރާގައި މީހުން ގިނަވެ އަދި މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މަރުވުމާއެކު ރުޅިވެރިކަން އިތުރުވެ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންދީ، ގާނޫނު ހަދާ މަޖިލީހުގައި ހުޅު ވެސް ޖެހިއެވެ. އަދި ސިޔާސީ އެކި ފެންވަރުގެ ބޭފުޅުންގެ ގޭގެއަށް ވަދެ މީހުންނަށް އަނިޔާވެރިކަމާއެކު އަމަލުކޮށް ބޮޑެތި ހަމަނުޖެހުންތައް ހިންގިއެވެ.
ފުލުހުން ބުނިގޮތުގަައި ދެ ދުވަހުގެ ހަމަނުޖެހުންތަކުގައި 76 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އާންމުންގެ 63 މީހަކާއި ޖަލުން ފިލައިގެން ދިޔަ 10 މީހަކާއި ތިން ފުލުހުން ވެސް ހިމެނެއެވެ.
މި ކަމާ ގުޅޭގޮތުން ނޭޕާލް ފުލުހުން އިއްޔެ އާންމުކުރި ހިސާބުތަކުގައި ބުނެފައިވަނީ، މުޒާހަރާއާ ގުޅިގެން މިހާތަނަށް 423 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ހުއްދަ ނެތި ހަތިޔާރު ގެންގުޅުމާއި ވައްކަންކުރުމާއި ބޭއަދަބީ އަމަލުތައް ހިންގުންފަދަ ކަންކަމުގެ ތުހުމަތުގައި ކަމަަށް ވެސް ފުލުހުން ބުންޏެވެ.



