އިއްޔެ ފާހަގަ ކުރި ރާއްޖޭގެ 57 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގެ ތެރޭގައި އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެންމެ ޚާއްސަވީ އެއް ހަރަކާތަކީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރާ ފަރާތްތަކަށް އެ އިނާމު ހަވާލު ކޮށްދިނުމުގެ ހަރަކާތެވެ.
އެކަމަަށްޓަކައި ސޯޝަލް ސެންޓަރުގައި އިއްޔެ ހެނދުނު ބޭއްވި ޚާއްސަ ޚަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އިނާމުގެ ހައްޤުވެރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
އެގޮތުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލު ކުރެއްވި އެއް ފަރާތަކީ ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި ސާޖަންޓް (ރިޓަޔަރޑް) އަލީ މުޙައްމަދު އެވެ.
ސިފައިންގޭގައި ހިދުމަތް ކުރެއްވިއިރު ލިބިލެއްވި މެޑަލްތައް ލައިގެންހުރި ސޫޓުގައި ތަރުތީބު ކުރައްވައިގެން، ޝަރަފުވެރިކަމާއެކު ސާޖަންޓު އަލީ އެ އިނާމާ ހަވާލުވެލައްވަން ވަޑައިގަތީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އަރިހުގައި އޭނާގެ އަނބިކަނބަލުން އަމްސޫދާ ޙުސެއިން ވެސް އޭނާއަށް ހިތްވަރުދިނުމަށް ފަޚުރުވެރިކަމާއެކު ހުއްޓެވެ.

ޝަރަފުވެރިކަމުގެ އިނާމު ސާޖަންޓް އަލީ އަށް ލިބުމާއެކު ސޯޝަލް މީޑިއާއިން ކޮންމެވެސް ވަރަކަށް ދެން ފެނުނީ ހިތްދަތި އަދި އެހާމެ ނާތަހުޒީބު މަންޒަރެކެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިނދެ އިނާމާ ހަވާލުވާން ވަޑައިގަތުމުން ބައެއް މީހުން އެކަން ސިފަކުރީ ވަރަށް ވެސް ލަދުވެތި ގޮތަކަށެވެ. ސްޓްރެޗަރެއްގައި އޮވެގެން ވެސް އިނާމާ ހަވާލުވާން ގޮސްފާނެ ކަމަށް ވެސް މީހަކު ބުނެ ފާޅުގައި ސާޖަންޓް އަލީއަށް ހަޖޫ ޖެހިއެވެ.
އެ ފާޑުކިޔުންތަކަށް ނުހަނު ފުރިހަމަކަމާއެކު ރައްދުދީ އަދި އިނާމާ ހަވާލުވާން ޚުދު ސާޖަންޓު އަލީ އެ ޚަފްލާއަަށް ވަޑައިގެންނެވީ ކީއްވެކަން ކިޔައިދިނީ އޭނާގެ ދަރިކަލުން މުޙައްމަދު މަނާލް އަލީ އެވެ.

މަނާލް އޭނާގެ ފޭސްބުކް އެކައުންޓުގައި ލިޔެފައިވަނީ، ސާޖަންޓު އަލީގެ ބަދަލުގައި އެ އިނާމާ ހަވާލުވާން އޭނާއަށް ވެސް ދެވުނީސް ކަމަށާއި ނަމަވެސް އެގޮތަށް އެކަން ނުކުރީ އެއީ އެކަމުގެ ރަނގަޅު ގޮތް ނޫން ކަމުގައި ވާތީ ކަމަށެވެ.
”ބައްޕަގެ އުމުރުން 35 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރީ ޤައުމީ ހިދުމަތުގައި. މިއީ އެ ހިދުމަތުގެ އަގުވަޒަން ކުރި ދުވަސް. އެހެންވީމަ އެ އުފާވެރި ސުކޫތުކޮޅު އެންމެ ލިބުން ހައްޤުވާނީ ބައްޕައަށް. އަހަރެން ވެސް ބޭނުންވި ބައްޕައަަށް އަމިއްލައަށް އެ އުފާވެރިކަން ލިބެން. އެ އުފާވެރި ސުކޫތުކޮޅު އިހުސާސުވާން. އެހެންވެ އެކަމަށް ބައްޕަ ތައްޔާރުކޮށްދިނިން“ މަނާލް ބުނެފައިވެއެވެ.

މަނާލް ވަނީ ސާޖަންޓް އަލީ އަށް މިހާރު ނުހިނގޭ ސަބަބު ވެސް ކޮންމެވެސް ވަރަކަށް ކިޔައިދީފައެވެ. އެގޮތުން އޭނާ ބުނީ ނުރައްކާތެރި އެކްސިޑެންޓަކަށްފަހު ސާޖަންޓް އަލީގެ ވައަތު ފަޔަށް ގިނަ ފްރެކްޗަރ ތަކެއްވި ކަމަށާއި އެކަމުގެ ސަބަބުން ރަނގަޅަށް ނުހިނގެން ފެށި ކަމަށެވެ.
އޭގެފަހުން ސާޖަންޓް އަލީ އަށް ފްރޮންޓޯ ޓެމްޕޮރަލް ޑިމެންޝިއާ (އެފްޓީޑީ) ޖެހުން ކަމަށާއި އެ ބައްޔަށް ފަރުވާއެއް ހުރިކަން އެނގިފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
މަނާލްވަނީ އޭނާގެ ބައްޕައާއި އާއިލާއަށް ހިތްވަރުދީ ހެޔޮ ދުއާކޮށްދިން އެންމެހާ ފަރާތްތަކަށް އެ ޕޯސްޓުގައި ޝުކުރު އަދާކޮށްފައެވެ. އޭނާއަކީ ސާޖަންޓް އަލީއަށް ފަޚުރުވެރިވާ ދަރިއެއް ކަމަށް ވެސް ބުނެފައިވެއެވެ.
ސާޖަންޓް އަލީ ދިވެހި ދައުތަލަށް ހިދުމަތް ކުރައްވަން ފެއްޓެވީ 12 ޑިސެމްބަރު 1987 ގައި ސިފައިން ގޭގައެވެ. އަސާސީ ތަމްރީނު ފުރިހަމަ ކުރެއްވުމަަށްފަހު، އެންމެ ފުރަތަމަ ކުރެއްވީ ސިފައިންގެ އެކިއެކި މަރުކަޒުތަކުގައި ފޯރިމެރުމުގެ މަސައްކަތެވެ. އެއަށްފަހު އެން.އެސް.އެސްގެ ބޭހާ ބެހޭ ބައި އުފައްދަވައި، އެތަނަށް އައްޔަނު ކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި ސާޖަންޓު އަލީ ވެސް ހިމެނެއެވެ.


