ފުވައްމުލައް ސިޓީން ލިބެމުންދިޔަ ފެން ތަޣައްޔަރުވުމުގެ ސަބަބުން މިދިޔަ އާދީއްތަ ދުވަހު އެ ސިޓީ ފެނަށް ޖެހުނު މައްސަލަ މިހާރު ހައްލުވެއްޖެ ކަމަށާއި މިއަދު އިރުއޮއްސުމާ ހަމައަށް ފެނުގެ ޚިދުމަށް ފުވައްމުލަކަށް ދޭން ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ފުވައްމުލަކަށް ފެނުގެ މައްސަލަ ކުރިމަތިވީ ފެނުގައި ތަޣައްޔަރުކަމެއް ހުރުމުން ކަމަށެވެ. އަދި މިމައްސަލަ ހައްލުކުރުމަށް މުޅި ޕްލާންޓް ފްލަޝްކޮށް، ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް ނަޖާހު ވިދާޅުވިއެވެ.
ނަޖާހު ވިދާޅުވީ އެ މައްސަލަ ހައްލުކޮށް، ފެން އުފެއްދުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އަދި ފެން ދޫ ނުކުރެވެނީ ފެން ދޫކުރުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހިމެނޭހެން ހަދާ ބައެއް ތަޙުލީލުތައް ކުރިއަށްދާތީކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޕްލާންޓްގެ ނެޓްވޯކްގައި ފެން ލީކްވުމުގެ މައްސަލައެއް އުޅޭތީ އެކަން ހައްލުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް ނަޖާހު ވިދާޅުވިއެވެ. އެހެންކަމުން ފެނުގެ ނަތީޖާ ލިބި އަދި ލީކޭޖްގެ މައްސަލަ ހައްލުވެ، މިއަދު އިރުއޮއްސުމާ ހަމައަށް ފެނުގެ ޚިދުމަތް އަލުން ގުޅުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.




