އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން ފެންނަނީ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ތަން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ބަޖެޓާ ބެހޭގޮތުން ބަހުސް ކުރައްވަމުން، ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވިދާޅުވީ، މުޅި ބަޖެޓަށް ބަލާއިރު ފެންނަނީ މުހިއްމު ދާއިރާތަކަށް ބަޖެޓުން ބޮޑު އިސްކަމެއް ދީފައި އޮތް ތަން ކަމަށެވެ.
އެހެންކަމުން އެކަމުން ފެނިގެންދަނީ ސަރުކާރުން ކަންކަން ރަނގަޅު ކުރަން އުޅޭކަން ކަމުގައި ވެސް މެންބަރު ސަލީމް ވިދާޅުވިއެވެ.
”ބަޖެޓު ފޮތުގައި ހުރި ތަފްސީލުތަކަށް ބަލައިގެން މަސައްކަތްކޮށްފި ނަމަ އޭގެ ރަނގަޅު ނަތީޖާ ފެންނާނެ. އެއްވެސް ކަމެއް ހުރިހާ މީހުންނަކަށް ރަނގަޅެއް ނުވާނެ. އަޅުގަނޑުމެން ހުރިހާ މީހުން ރުއްސަން އުޅޭނެ ކަމެއް ވެސް ނެތް. ނުވެސް ރުހޭނެ. މިއީ ކުރެވޭނެ ކަމެއް ނޫން.“ އިދިކޮޅު މެންބަރުން ކިޔުއްވަމުން ގެންދެވި ފާޑުކިޔުންތަކަަށް ވެސް ރައްދު ދެއްވަމުން ސަލީމް ވިދާޅުވިއެވެ.
ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ގައުމު ކުރިއަރުވަން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވެސް މިއަދުގެ ޖަލްސާގައި މެންބަރު ސަލީމް ވަނީ ގޮވާލައްވައިފައެވެ.




