ރާއްޖޭގެ ޞިއްޙީ ހާލަތު ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ހެދުމަށް މިއަދު ޔުނިސެފާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއީ ހެލްތު މިނިސްޓްރީން ޔުނިސެފް މޯލްޑިވްސް ކަންޓްރީ އޮފީހާއި ގުޅިގެން ”މަލްޓިޕްލް އިންޑިކޭޓަރ ކްލަސްޓަރ ސަރވޭ“ ގެ ނަމުގައި ކުރިއަށްގެންދާ ދިރާސާއެކެވެ.
މި ފަހުމުނާމާގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހިމެވެ. އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، ޚާއްސަ މަންދޫބު ޑރ. އެޑްވަރޑް އަޑާއީއެވެ.
މިއީ ބައިނަލްއަޤުވާމީ ފެންވަރުގައި އާބާދީއާއި ޞިއްހަތާ ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްޙީ ހާލާތާއި، ސިއްޙީ ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށް ކުރާ ދިރާސާއެކެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޤައުމުތަކުގެ އިޤުތިޞާދު ކުރިއަރުވައި، ސިޔާސަތުތައް އެކުލަވާލުމުގައި ތަފާސްހިސާބަކީ މުހިންމު އެއްޗެއް ކަމަށެވެ.
ނަމަވެސް ޞިއްޙީ ދާއިރާއިން މިގޮތަށް އެއްކޮށްފައި ހުރި އަދާހަމަ ތަފާސްހިސާބެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އެ ދިރާސާގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
އަދި އެ ދިރާސާގެ ބޭނުމަކީ ޞިއްޙީ ހާލަތު ދެނެގަނެ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި، ސިޔާސަތުތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



