ބ. ފެހެންދޫގައި ”ފްލޯޓިން އޭކަރސް“ ކުންފުނިން ހެއްދި މޫދުވިނަ އެކްސްޕޯޓްކުރަން ތައްޔާރުވެއްޖެއެވެ.
މިއީ ރާއްޖޭގައި މި މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެ 8 މަސްދުވަސްކުރިން މޫދު ވިނަ އާލާ ކުރަން ފެށި އެ މަޝްރޫއު ވަރަށް ކާމިޔާބު ކަމަށެވެ.
އަދި އެ މަޝްރޫއުގެ ދަށުން އާލާކުރި މޫދުވިނަ ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރަން އެ ކުންފުނިން ތައްޔާރުވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ މަސައްކަތުގެ ކާމިޔާބީއަށް އިޝާރަތް ކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ނޫ އިގުތިސާދާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުން ލިބޭ ނަފާ އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް ވެސް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިނިސްޓަރު ވަނީ އެކަމަށްޓަކައި ފްލޯޓިން އޭކާސް ޕްރައިވެޓް ލިމިޓެޑާއި އެ ޓީމަށް ތަހުނިޔާ ދަންނަވާފައެވެ.
މި މަޝްރޫޢުގެ ދަށުން އެކްސްޕޯޓްކުރުމަށް އަމާޒުކޮށްފައިވަނީ ކާތަކެތި، ބޭސް އަދި ކޮސްމެޓިކްސް އުފެއްދުމަށް ބޭނުންކުރާ މޫދުވިނައިގެ ބާވަތެކެވެ.



