ޓެރަރިޒަމާއި ސައިބާ ކްރައިމް ފަދަ ގޮންޖެހުންތަކަށް އެކި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ގުޅިގެން މަސައްކަތް ކޮށްގެން ހައްލުތައް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ކުރިއަށްދާ އިންޓަ ޕާލަމެންޓްރީ ސްޕީކާސް ކޮންފަރެންސްގައި އިއްޔެ ކުރެއްވި ތަގުރީރުގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ އަމާން ކަމާއި ތަަރައްގީއަކީ މިޒަމާނުގައި ވަކި ނުކުރެވޭނެ ދެކަންތައް ކަމަށެވެ. އޭގެ ތެރެއިން ކަމެއް ގެއްލިއްޖެ ނަަމަ އަނެއް ކަންތައް ދެމެހެއްޓިގެން ނުދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ޓެރަރިޒަމް، ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން އަދި ސައިބާ ކްރައިމް ފަަދަ ގޮންޖެހުންތަަކަށް ޕާލަމެންޓްތަކުން ރައްދު ދޭން ޖެހޭނީ ކޯޑިނޭޓްކޮށްގެން، ދުރާލާ އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ގެންނަ ގާނޫނީ ހައްލުތަކަކުން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އައިޕީޔޫއިން އެ އަމާޒަށް މަސައްކަތް ކުރުމަށްޓަކައި އެ ކޮންފަރެންސްގައި ފާސްކުރި ”އިސްލާމްއާބާދު ޑެކްލަރޭޝަން“ އަށް މަގުޗާޓް އެކުވާލުމުގައި ހަރަކާތްތެރި ގޮތެއްގައި ބައިވެރިވާން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އޮތީ ތައްޔާރަަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


