މި މަސްތެރޭގައި ”އީ-ވިސާ“އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިކަންހާމަކޮށްފައި ވަނީ މިއަދު ނެރުނު އިއުލާނެއްގައެވެ.
އިމިގްރޭޝަނުން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް އެދި ހުށަހެޅޭނެ ކަމަށެވެ.
އަދި މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އީ-ވިސާއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވަނީ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުހަލާއަށް ތައްޔާރުވުމަށް ފުރުޞަތުު ދިނުމުގެ ގޮތުން ކަމަށް އިމިގްރޭޝަނުން ހާމަކުރެެއެވެ.
މިގޮތުން މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް އަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް އިމިގްރޭޝަންގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިކުރާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި މަހުގެ 20ގެ ނިޔަލަށް މިހާރުވެސް ޢަމަލުކުރަމުންދާ ގޮތަށް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅޭނެ ކަމަށާއި މި މަހުގެ 23ގެ ފަހުން ވިސާ ޖެހި ނަމަވެސް އިމިގްރޭޝަނުން ނުނަގާ ހުރި ޕާސްޕޯޓުތައް ދޫކުރާނެ ކަމަށް ބުނެފައި ވެއެވެ.
ހަމަ އެހެންމެ ވިސާ ޖެހުމަށްފަހު ނުނަގާ ހުރި ޕާސްޕޯޓުތައްވެސް ވީ އެންމެ އަވަސް ފުރުޞަތެއްގައި ނެގުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން އަދި ”އީ-ވިސާ“ އިފްތިތާޙްކޮށްފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.


