ސިޔާސީ ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ ކަންކަން އީ-ފާސް މެދުވެރިކޮށް ކުރުމުގެ ނިޒާމެއް ގާއިމުކޮށްފައިވާތީ އެއްވެސް މީހަކަށް ނޭނގި މިހާރު ސިޔާސީ ޕާޓީއަކަށް ނުވެއްދޭނެ ކަމަށާއި ތަފާތު އެކި ޕާޓީތަކުގައި ރަޖިސްޓްރީވެފައި އޮތުން ފަދަ ކަމެއް ވެސް މިހާރު ނުހިނގާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު ބުނެފިއެވެ.
އީސީން މިހެން ބުނެފައިވަނީ އެ ކޮމިޝަނުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހެޅުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ސުވާލުކުރެއްވީ، އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީގައި މީހުން ރަޖިސްޓްރީވެފައި ތިބުމާއި ނޭނގި ޕާޓީތަކަށް ވައްދާފައި ތިބޭ ތިބުން ހައްލުކުރުމަށް ކުރަމުންދަނީ ކޮންކަމެއްތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ޕާޓީއަށް މީހުން ވެއްދުމާއި ކެނޑުމުގެ ކަންކަން ކުރީގައި ހިނގި ގޮތަށް ބަލާއިރު އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީގައި ރަޖިސްޓްރީވެފައި އޮތުމާއި ނޭނގި ޕާޓީތަކަށް ވައްދާފައި ހުރުން ފަދަ ކަންކަން ހިނގާފައި ހުރެދާނެ ކަމަށެވެ. އެކަމަކު ޕާޓީއަށް ވަނުމާއި ވަކިވުމުގެ ކަންކަން މި އަހަރުން ފެށިގެން އީ-ފާސް މެދުވެރިކޮށް ކުރަމުން އަންނާތީ މިހާރު އެ މައްސަލަ ދިމާނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



