އަންނަ އަހަރު ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަސްޓަމްސްގެ ޗީފް ސުޕްރިޓެންޑެންޓް އަބްދުﷲ އަލީ ވިދާޅުވީ، ފިނޭންސް މިނިސްޓްރީއާ އެކު ދެކެވުނު ވާހަކަތަކުގެ ތެރެއިން އެހެން އިދާރާތަކެކޭ އެއްގޮތަށް އެ އިދާރާގެ މުވައްޒަފުންގެ މުސާރަ ވެސް ޕޭ ހާމަނައިޒޭޝަންގެ ތެރެއިން އަންނަ އަހަރު ބޮޑުވާނެ ކަމަށެވެ. އަދި އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކަސްޓަމްސްގެ ގާނޫނު 2011 ވަނަ އަހަރު ވުޖޫދުވި ފަހުން، މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނާންނަތާ 13 އަހަރު ވެއްޖެއެވެ.
ކަސްޓަމްސްގެ މަސައްކަތް ހަރުދަނާ ކުރުމަށް އިތުރަށް 270 މުވައްޒަފުން އިތުރަށް ބޭނުންވާ ކަމަށް އެ އިދާރާއިން މިއަދުގެ ބައްދަލުވުމުގައި ބުނެފައިވެއެވެ. އެގޮތުން އެ މުވައްޒަފުންގެ މުސާރަ އާއި އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ބަޖެޓުން އުނިކޮށްފައިވާ އަދަދަށް އިތުރު 70 މިލިއަން ބޭނުންވާ ކަމަށް ވެސް ބުނެފައިވެއެވެ.




