ޝާމިލް ލޯގޯ އިފްތިތާޙް ކުރުމަށް ”ޝާމިލް 2025“ ގެ ނަމުގައި ޙާއްސަ ހަރަކާތެއް މާދަމާ ފަށަން ނިންމައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ޝާމިލް ލޯގޯ އިފްތިތާޙްކޮށް، އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ”ޝާމިލް 2025“ ގެ ނަމުގައި ވަރަށް ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތަކީ އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީ އަދި ބިޒްނަސް ކޯޕަރޭޝަން ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.
”ޝާމިލް 2025“ ހަރަކާތްތައް ކުރިއަށްދިއުމަށް ހަމަޖެހިފައި ވަނީ ތިން ދުވަހެއްގެ މަތިންނެވެ.
އެގޮތުން ނޮވެންބަރު 13 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ނޭޝަނަލް އާޓް ގެލެރީގައި އެ ހަރަކާތްތައް އޮންނާނެއެވެ.
އަދި ނޮވެންބަރ 15 އާއި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 ރޭގަނޑު 20:00 އިން 22:00 އަށް ނޭޝަނަލް އާޓް ގެލަރީގައި އެ ހަރަކާތްތައް ކުރިއަށްދާނެއެވެ.
މިނިސްޓްރީން ބުނީ އެ ގަޑިތަކުގައި ކޮންމެ ބޭފުޅަކަށް ވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، ޝާމިލް2025ގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދާނެ ކަމަށެވެ.
”ޝާމިލް 2025“ ތެރެއިން އިފްތިތާޙްކުރެވިގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި ބޭނުންކުރުމަށް ޚާއްސަކުރެވޭ ’ޝާމިލް ލޯގޯ‘ އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ދެމެހެއްޓެނިވި އާމްދަނީ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރެވޭ ޚާއްޞަ ބްރޭންޑެކެވެ.
”މި ލޯގޯ ވެގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ވެސް އިތުރު ބާރެއް ލިބިގެންދާނެ ކަމަކަށް“ މިނިސްޓްރީން ބުނެފައި ވެެއެވެ.




