ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އަލަށް ރިލީޒްވާން ތައްޔާރުވެފައިވާ ފިލްމުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއް ފިލްމަކީ ”ލިލީ“ އެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ރޭ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތް މި އަހަރުގެ ޖޫން ފެށިގެން، ފިލްމު އުފެއްދި ޓީމުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ފިލްމު އުފެއްދި ”ކްރިއޭޓިވް ނެޓްވޯކް“ އިން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، މި ފިލްމަށް ކިޔައި ނަން ހާމަ ކުރުމުގެ ކުރިން އެތައް ބަޔަކަށް ”ލިލީ“ މާ ބެހުމެވެ. އެ ހަރަކާތުގެ ސަބަބުން އެއިރު އެންމެންނަށް ވެސް ކުރެވުނު ސުވާލަކީ، ލިލީ މާ ބެހުމުގެ ސިއްރަކީ ކޮބައިތޯއެވެ.
އެއަށްފަހު އެކި ގިވްއަވޭތައް ދިނުމާއި ހިތްގައިމު ޕްރޮމޯޝަނަލް ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގެ އިތުރުން ”ލިލީ“ ގެ ޓްރެއިލަރ ވެސް މިހާރު ވަނީ ނެރެފައެވެ. ޓްރެއިލަރަށް ވެސް ވަނީ ހޫނު ތަރުހީބެއް ލިބިފައެވެ.
އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ، ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ ކުޑަކުދިންނަށް ދިމާވާ އަނިޔާތަކާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންހެނެއްގެ ހިތި ދިރިއުޅުމަކުން އަރައިގަތުމުގެ ތަޖުރިބާ ގެނެސްދޭނެ ފިލްމެކެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ އައިޝާ އަލީ އެވެ. އައިޝާގެ އިތުރުން ދެން މި ފިލްމުން ފެނިގެންދަނީ އަހުމަދު ޝާރިފް އާއި، މުޙައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އާރިފާ އިބްރާހީމް އަދި އަލީ ފާރޫޤު އެވެ.




