ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ އޮޕަރޭޝަނެއް މިއަދު ހިންގުމަށް ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް މުޢިއްޒު މިކަން އިއުލާނު ކުރައްވާފައިވަނީ މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އެމަނިކުފާނު ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.
”އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ.“ ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މީގެ ކުރިންވެސް ފުލުހުން ވަނީ މިފަދަ ޚާއްސަ އޮޕަރޭޝަން ކުރިއަށް ގެންގޮސް، އެކުށުގައި އުޅޭ ގިނަ އަދަދެއްގެ މީހުން ހައްޔަރުވެސް ކޮށްފައެވެ.



