”އޮޕަރޭޝަން އަލިމަގު“ ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، 500 އަށްވުރެ ގިނަ ފުލުހުންނާއެކު ފަށާފައިވާ މި އޮޕަރޭޝަނަކީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ.
މިއަދު ފަތިހު 05:30 ގައި ފެށި މި އޮޕަރޭޝަންގައި، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
”އޮޕަރޭޝަން އަލިމަގު“ އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމުގައިވެސް ފުލުހުން ބުންޏެވެ.
މަސްތުވާތަކެއްޗާ ދެކޮޅަަށް މިއަދު ޚާއްސަ އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.




