ރައީސުލްޖުމްޖޫހިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން މަސައްކަތް ކުރަނީ، އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ބޯހިޔާވަހިކަމަށް ސިޔާސަތު އެކުލަވާލައި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްޤު އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފަހިކޮށްދިނުމަށް ކަމުގައި ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، 3،000 ހައުސިންގް ޔުނިޓު އެޅުމަށް ބޭނުންވާ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު މިއަދު ބޭއްވި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ މިއަދަކީ ރައީސް މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޛުކުރުމުގައި ވަރަށް ޚާއްސަ ދުވަހެއް ކަމަށެވެ.
އެގޮތުން މިއަދަކީ ހަގީގީ މާނައިގައި ބޯހިޔާވަހިކަމުގެ ސިޔާސަތެއް ކަނޑައެޅި، އެ ސިޔާސަތުގެ މުހިންމު އެއްބައި ފެށިގެންދާ ދުވަސް ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.
”މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދު އޮތް ހާލަތު އެންމެންނަށް ވެސް އެނގޭ. ޖީ.ޑީ.ޕީގެ ނިސްބަތުން ޤައުމުގެ ދަރަނި ހުރި މިންވަރު އަޅުގަނޑުމެން އެންމެންނަށް ވެސް ވަރަށް ސާފުކޮށް އެނގޭ. އެއާއެއްކޮށް ބޭރުގެ ފަރާތްތަކުން، ބޭރުގެ ބޭންކުތަކުން އަދި ދޭތެރޭގެ ޤައުމުތަކުން ވެސް ލޯނު ލިބުމުގައި ހުރި ދަތިކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ. އެހެންކަމުން، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ކުރީގެ ސަރުކާރުތަކުން އާއްމުކޮށް ގެންގުޅުނު އުސޫލަކީ، ލޯނު ނަގައިގެން އިމާރާތްކުރަންކަމުގައި ވީ ނަމަވެސް، ލޯނު ހޯދައިގެން ބޯހިޔާކަން މަސައްކަތް ކުރިއަށް ގެންދިއުމަށް މި ސަރުކާރު އައިއިރު އޮތީ ވަރަށް ބޮޑު ދަތިތަކާ ކުރިމަތިވެފަ.“ ހައުސިންގް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ވަރަށް ބޮޑު އަދަދެއްގެ ދަރަނި ނަގާފައިވުމާއެއްކޮށް، ލޯނު ލިބުމުގައި ހުރިހާ ގޮތަކުންވެސް ދަތިކަމާ ވަނީ ކުރިމަތިވެފައި ކަމަށެވެ. އެހެންކަމުން، ރައީސް މުޢިއްޒުގެ ސަރުކާރުން މަސައްކަތްކުރީ އެ މަނިކުފާނުގެ ވަޢުދާ އެއްގޮތަށް ބޯހިޔާވަހިކަމަށް ސިޔާސަތު އެކުލަވާލައި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްޤު އެ މީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފަހިކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.
”މި ދެންނެވި ސިޔާސަތު ކެބިނެޓުން ފާސްކޮށް، އެއާ ގުޅިގެން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދަން މަގުފަހިކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ގަވާއިދެއް އެކުލަވާލައި، ގެޒެޓްކޮށްފަ. މިއަދު މި ޙަފްލާއަކީ ބޭންކް އޮފް މޯލްޑިވްސްއިން މި ގަވާއިދު ދަށުން ކުރިއަށް ގެންދާ ރެންޓް ޓު އޯން މޮޑެލްގެ ދަށުން އިމާރާތްކުރާ ތިންހާސް ހައުސިންގ ޔުނިޓަށް ބޭނުންވާ ބިން ބޭންކުގެ ސަބްސިޑަރީ ކުންފުންޏާ ހަވާލުކުރުމަށް ބޭއްވޭ ހަފްލާ.“ މިނިސްޓަރ ވިދާޅުވިއެވެ.
ހައުސިންގް މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ޕްރޮޖެކްޓުގެ ތެރެއިން ވިލިމާލޭގައި 300 ހައުސިންގ ޔުނިޓު އަދި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 3 ގައި 2700 ހައުސިންގް ޔުނިޓު އެޅިގެންދާނެ ކަމަށެވެ.



