އުމުރުން 17 އަހަރުން ދަށުގެ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗުގެ ފުރަތަމަ ސުވެނިއާ ޕްލެޓިނަމް ޓިކެޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިގެންފިއެވެ.
ރައީސް މުޢިއްޒުއަށް މި ޓިކެޓު ހަވާލުކޮށްދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤް އެވެ. އެފްއޭއެމުން އެމަނިކުފާނަށް ވަނީ ހަނދާނީ ސުވެނިއާ ޕްލެޓިނަމް ޓިކެޓެއް ވެސް އަރުވާފައެވެ.
މެޗުގެ ޓިކެޓް ވިއްކާ އަގަކީ ސުވެނިއާ ޕްލެޓިނަމް ޓިކެޓެއް 1،000 ރުފިޔާއަށް، އަދި ސުވެނިއާ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސުވެނިއާ ޕްލެޓިނަމް ޓިކެޓު ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. ޖުމްލަ 200 ސުވެނިއާ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެވެ.
މި މެޗުތަކުގެ ސުވެނިއާ ޓިކެޓު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްތީނުގެ ފުޓުބޯޅަ އަލުން ދިރުވާ ތަރައްގީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ފަލަސްތީނު ފުޓުބޯޅަ އެސޯސިއޭޝަނަށް ކަމަށް އެފްއޭއެމްއިން ބުންޏެވެ.
ފަލަސްތީން ޓީމުގެ މި ދަތުރުގައި އެކުވެރިކަމުގެ ޖުމްލަ ދެ މެޗު ކުޅެން ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗު މިރޭ ކުޅޭއިރު، ދެވަނަ މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގައެވެ.



