މަސްތުވާތަކެއްޗާ ދެކޮޅަށް މިއަދު ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން، އޮޕަރޭޝަން އަލިމަގުގައި، މިހާތަނަށް 90 މީހުން ހައްޔަރުކޮށް، ތަހުގީގު ފަށާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެވެ.
ފުލުހުން ބުނި ގޮތުގައި، 500 އަށްވުރެ ގިނަ ފުލުހުންނާއެކު ފަށާފައިވާ މި އޮޕަރޭޝަނަކީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނެކެވެ.
މިއަދު ފަތިހު 05:30 ގައި ފެށި މި އޮޕަރޭޝަންގައި، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ސީޕީ ނަވީން ވިދާޅުވީ މިއީ މިހާތަނަށް ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ.
ކުރި މަގުގައި މި އޮޕަރޭޝަން އިތުރަށް ފުޅާ ކުރާނެ ކަމަށާއި އަމާޒަކީ ޑްރަގްގެ ނެޓްވޯކްތައް އެއްކޮށް ނައްތާލުންކަމަށް ނަވީން ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި މިހާތަނަށް 90 މީހުން ހައްޔަރުކޮށްފައިވާއިރު މަސްތުވާތަކެތި އަދި މިކަމުގެ ވިޔަފާރިކުރުމަށް ބޭނުންކުރާ އެއްޗެހި ފެނިފައިވާކަމަށްވެސް ސީޕީ ނަވީން ވިދާޅުވިއެވެ.
”މަސްތުވާއެއްޗެހި ފެނިފައި އެބަހުރި، ޑްރަގް ސްޓްރީޓް ލެވަލްގައި ވިއްކުމަށް ބޭނުންކުރާ އެއްޗެހި، ބަނގުރާ ކައްކަން ބޭނުންކުރާ އެއްޗެހި ފެނިފައި އެބަހުރި، ކުރިއަށް އޮތް ތަންތަނުގައި އޮޕަރޭޝަން އެހެން ރަށްރަށުގައިވެށް ކުރިއަށްދާނެ، އިތުރު މީހުންވެސް ހައްޔަރުވުމަކީ އެކަށީގެންވާ ކަމެއް“ ސީޕީ ނަވީން ވިދާޅުވިއެވެ.
މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.




