ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީން ހޯދާ އެ މީހުނާމެދު ފިޔަވަޅު އެޅުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން 347 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ޚިލާފަށް ތިބި 66 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ރޭގެ ވަގުތެއްގައި ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަނުގައި ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އަދިގަވާއިދާ ޚިލާފަށް ތިބި 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް އިމިގްރޭޝަނާއި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.



