ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ހުނާން ނަންބަރު 6 ކުންފުންޏާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މާފަރު އެއަރޕޯޓު ހިންގާ ކުންފުނި އައިލޭންޑް އެވިއޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސެވެ.
އަދި ޗައިނާގެ ހުނާން ނަމްބަރ 6 ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.
މި މަސައްކަތުގެ ދަށުން ޓަރމިނަލާއި އިންވެގެން ދެ ފަންގިފިލާގެ އިމާރަތެއް ތަރައްޤީކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައި ވެެއެވެ.
މިގޮތުން އެއަރޕޯޓު ޓަރމިނަލާއި އިންވެގެން އަޅާ އިމާރާތުގެ ޖާގައަަށް 6238 އަކަފޫޓުގެ އިތުރުވާނެ ކަމަށް އައިލޭންޑް އެވިއޭޝަނުން ބުނެފައި ވެއެވެ. މިއާއެކު މުޅި ޖުމްލަ ޓަރމިނަލް ޖާގައަށް 12476 އަކަފޫޓުގެ އިތުރުވުމެއް އަންނާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
އަދި މިހާރު ބޭނުން ކުރާ އެރައިވަލް ހޯލް ބޮޑުކުރެވި، ބެގޭޖް ހޭންޑްލިންގް ބެލްޓު ބޮޑުކުރެވޭނެ ކަމަށާއި މި މަޝްރޫޢު ނިމިގެންދާއިރު ފުރަތަމަ ފަންގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ޤާއިމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެެއެވެ.
ހަމައެހެންމެ ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ޤާއިމްކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުން އެ އެއަރޕޯޓު ބޭނުން ކުރާ ރައްޔިތުންނަށް އަދި ބޭރުގެ ފަތުރުވެރިންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޖުމްލަ 3.6 މިލިޔަން ޑޮލަރުގެ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.




