ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 6 އަތޮޅެއްގައި ހައުސިންގ މަޝްރޫޢު ހިންގަން ޝަޢުގުވެރިވާ ކުންފުނިތައް ހޯދުމަށް އިޢުލާންކޮށްފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިޢުލާނުގައި ވަނީ 6 އަތޮޅެއްގެ 10 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ހުޅުވާލާފައެވެ.
އެއީ ހދ،ށ،ލ،ރ،ޅ އަދި އައްޑު އަތޮޅުގެ ރަށްތަކުގައެވެ.
މި މަޝްރޫޢުތަކަށް ޝައުގުވެރިވާފަރާތްތަކަށް އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
މި އަހަރާ އަދި އަންނަ އަހަރަށް ހުށައެޅި ބަޖެޓުގައި ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް 1 ބިލިނަށްވުރެ ގިނަ ރުފިޔާ ހިމަނާފައި ވާއިރު މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ، 13 ރަށެއްގައި 825 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ.
ރަށްރަށުގައި ފަށަން ނިންމާފައިވާ ހައުސިން މަޝްރޫޢުތަކުގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައިވެސް އިތުރު ސޯޝަލް ހައުސިންގ މަޝްރޫޢުތަކެއް މިއަހަރު ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.



