މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 14,638 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު އާންމުކުރި އޮކްޓޯބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެ އިދާރާއިން ވަނީ މިދިޔަ މަހު 14،638 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި އެ އިދާރާގައި ރަޖިސްޓްރީކުރެވިފަައި ވަނީ 14832 ފަރާތެކެވެ.
އަދި އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި މިދިޔަމަހު އަލަށް ރަޖިސްޓްރީވެފައި ވަނީ 136 ފަރާތެކެވެ.
މިދިޔަ މަހު 14,638 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެންސްޕާއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން މާލީ އެހީގެ ގޮތުގައި މިދިޔަ މަހު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖުމްލަ 53،085،000 ރުފިޔާ ދޫކޮށްފައި ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ޚިދުމަތްތަކަކީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކޮށްދީ، އެފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިއްބައިދީ މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށްޓަކައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކެކެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ލިސްޓުގައި އެމީހަކު ރަޖިސްޓަރީކުރާ މަހުން ފެށިގެން އެ ލިސްޓުން އުނިކުރުމާ ހަމައަށް ކޮންމެ މީލާދީ މަހަކު މާލީ އެހީގެ ގޮތުގައި 2000 (ދެހާސް) ރުފިޔާ އާއި އާންމު އިތުރު އެލަވަންސްގެ ގޮތުގައި ފޯރުކޮށްދެވޭ 1000 ރުފިޔާއާއެކު ޖުމްލަ 3000 ރުފިޔާ ލިބޭނެއެވެ.


