ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ގޯތި، ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި 1914 މީހުން ފޯމު ހުށައަޅައިފި އެވެ.
ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިން، ގުޅިފަޅަށް ބަދަލުކުރުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހުޅުވާލި އެވެ. މިމުއްދަތު ހަމަވީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު އެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، 1250 އަކަފޫޓު އަދި 1650 އަކަފޫޓުގެ ކެޓަގަރީން، ކަނޑައެޅި އަދަދަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިކަމަށެވެ. މިދެކެޓަގަރީން ހުޅުވާލީ ޖުމްލަ 856 ފުރުސަތު ނަމަވެސް އިތުރަށް 841 މީހުން ފޯމު ހުށައެޅި އެވެ. އެހެންކަމުން މި ދެ ކެޓަގަރީން ފޯމު ހުށައެޅި މީހުންގެ ތެރެއިން، ގުޅިފަޅަށް ގޯތި ބަދަލުކުރެވޭ މީހުން ކަނޑައަޅާނީ އެކަމަށް ނަގާ ގުރުއަތުން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފަ އެވެ.
2050 އަކަފޫޓު އަދި 2450 އަކަފޫޓުގެ ގެތައް ގުޅިފަޅަށް ބަދަލުކުރުމަށް އެދި ހުށައެޅި ހުރިހާ މީހުންގެ ގޯތި ގުޅީ ފަޅަށް ބަދަލުކުރަން ނިންމީ ކަނޑައެޅި އަދަދަށްވުރެން މަދުން ފޯމު ހުށައަޅާފައި ވުމުންނެވެ.
ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށައެޅި މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މޭމަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 11:00ގެ ކުރިން އެވުޒާރާއަށް ހުށައެޅުމަށް ވަނީ ހުޅުވާލާފަ އެވެ



