ދިވެހި މީޑިއާތަކަށް އެއް ޕްލެޓްފޯމަކުން ކޮންޓެންޓް ލިބޭނެ ޕްލެޓްފޯމެއް ”ނެޝަނަލް ނިއުސް އެޖެންސީ“ގެ ނަމުގައި އިފްތިތާޙުކޮށްފިއެވެ.
މިއީ ޕްރައިވެޓް މީޑިއާތައް ކުރިއަރައި ދިއުމަށް އެހީތެރިކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޔޫތު މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ފެށި މަސައްކަތެކެވެ.
ނެޝަނަލް ނިއުސް އެޖެންސީގެ ލޯގޯ، ވެބްސައިޓް އަދި ކާޑު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނެވެ.
އެންއެންއޭ އިފްތިތާޙުކުރުމަށް ފަހު ވަނީ، މި ޕްލެޓްފޯމާއި ފުރަތަމަ ގުޅުނު 20 މީޑިއާއެކު އެއްބަސްވުމުގައި ސޮއިކޮށް، ކާޑު ހަވާލުކޮށްފައެވެ.
ނެޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) ޕްލެޓްފޯމާއި ގުޅުނު މީޑިއާތައް:
° ސައުވީސް އޮންލައިން
° ޖަވިޔަނި
° ތީރު މީޑިއާ
° އަސުރު އޮންލައިން
° ދަ ސްޓޭންޑަރޑް މޯލްޑިވްސް
° ހުވަދޫ މީޑިއާ
° ސަން ސިޔާމް މީޑިއާ
° މިއަދު ޑެއިލީ
° ތިލަދުން އޮންލައިން
° ޖީލު އޮންލައިން
° ދިވެހި ޗެނަލް
° ސަންގު ޓީވީ
° އަސްލު ޓީވީ
° ވޮއިސް އެމްވީ
° އޯރކާ މީޑިއާ
° އެމްއެމްޓީވީ
° ވީޓީވީ
° މެންދުރު ޓީވީ
° ވަގުތު
މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާން ވިދާޅުވީ މި ޕްލެޓްފޯމަކީ ދިވެހި ނޫސްވެރިނަށް ވަރަށް ފަހި ފުރުޞަތުތަކެއް ލިބޭނެ ޕްލެޓްފޯމެއް ކަމަށެވެ.
”މި ޕްލެޓްފޯމްގައި ޕީއެސްއެމްގެ ވީޑިއޯ ކޮންޓެންޓްތަކާއި ކަވަރުކުރާ އެކިއެކި އިވެންޓްތަކުގެ ވީޑިއޯ/ފޮޓޯ، މީޑިއާތަކުން ބޭނުންކުރުމަށް ފޯރުކޮށްދޭނެ“ ޝަމްއާން ވިދާޅުވިއެވެ.
ޕީއެސްއެމްގެ އިތުރުން، އެހެން މީޑިއާތަކުން ނަގާ ކޮންޓެންޓްތައްވެސް މުސްތަޤުބަލުގައި މި ޕްލެޓްފޯމްގައި ޙިއްސާކުރެވޭނެކަމަށް ޝަމްއާން ވިދާޅުވިއެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ ޕްރައިވެޓް މީޑިއާތައް ހަރުދަނާކުރުމަށް ޕީއެސްއެމްއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފުޅާކުރާނެ ކަމަށެވެ.
”ގިނަ ކޮންޓެންޓްތަކެއް މި ޕްލެޓްފޯމްގައި ހިލޭ ދޫކުރުމަށް ހަމަޖެހިފަވާއިރު، ޕްރިމިއަމް ޕެކޭޖްތައް މެދުވެރިކޮށް ޚާއްސަ ކަންކަމާ ގުޅޭ ވީޑިއޯތައް ލިބޭނެ ޕެކޭޖުތައްވެސް ހިމަނާނަން“ ނަސްރީން ވިދާޅުވިއެވެ.
ނަސްރީން ވިދާޅުވީ، ޕީއެސްއެމްއާއެކު މަސައްކަތްކުރާ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ކޮންޓެންޓްވެސް، މި ޕްލެޓްފޯމްގައި ދިވެހި މީޑިއާތަކާ ޙިއްސާކުރުމަށް އެކަމާ ގުޅޭ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ކުރިމަގުގައި ޔޫތު މިނިސްޓްރީއާއި ޕިއެސްއެމްގެ ދަށުން ހިންގާ މޯލްޑިވް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ތަފާތު ތަމްރީން ޕްގްރާމްތައް މީޑީއާތަކަށް ހިންގުމަށްވެސް ވިސްނާކަމަށްވެސް ނަސްރީން ވިދާޅުވިއެވެ.
އަދި ބައިނަލްއަޤްވާމީ އެކި މީޑިއާ އިވެންޓްތަކުންވެސް ފުރުޞަތު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ނަސްރީން ވިދާޅުވިއެވެ.



