ތެހެރާނަށް ސަޕްލައިކުރާ ޑޭމްތައް ހިކިގެން ދިއުމާ އެކު އީރާނަށް ފެނުގެ ދަތިކަން ކުރިމަތިވެއްޖެއެވެ.
އެހެންކަމުން އީރާނުގެ ވެރިރަށް ތެހެރާނަށް ދިމާވެފައިވާ އެ ހާލަތުގެ ސަބަބުން އެ ސިޓީއަށް ބޯފެން ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ.
އަންނަ މަހުގެ ނިޔަލަށް ވާރޭ ނުވެހިއްޖެ ނަމަ، ތެހެރާން ފެނަށް ޖެހޭނެކަމަށް މީޑިއާގެ މަސްދަރުތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަންނަ މަހު ވާރޭ ނުވެހިއްޖެނަމަ 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ސިޓީ ހުސްކުރަން ޖެހިދާނެ ކަމަށް އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން ވަނީ ވިދާޅުވެފައެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ ސިޓީ ހުސްކުރުމަކީ އެންމެ ފަހު ފިޔަވަޅެވެ.
ހޫނު ގަދަވުމުގެ ސަބަބުން އީރާނުގެ ހޫނުމިން 50 ޑިގްރީ ސެލްސިއަސް (122 ޑިގްރީ ފެރެންހައިޓް) އަށް ވަނީ އަރާފައެވެ.
އީރާނުގައި ފެނާއި ކަރަންޓާއި ގޭސް ފަދަ ޒަރޫރީ ވަސީލަތްތައް ބޭނުން ކުރުން އެންމެ އިތުރުވާ ދުވަސްވަރުގައި، އެ ފަދަ ވަސީލަތްތައް ލިބުން ދަތިވުން ވަނީ އާންމުވެފައެވެ.
އީރާންގައި ލިބެން ހުރި ފެނުގެ %80 ބޭނުން ކުރަނީ އެ ޤައުމުގެ ދަނޑުވެރި ކަމުގެ ސިނާއަތުންނެވެ. ތެހެރާން ޕުރޮވިންސުގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ މައި ކުންފުންޏާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަހްރާންގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން %70 މީހުން ދުވާލެއްގެ މައްޗަށް 130 ލީޓަރުގެ ފެން ބޭނުން ކުރެއެވެ.
މީގެ އިތުރުން އީރާންގެ ތިމާވެށި ޙިމާޔަތް ކުރުމާ ބެހޭ އިދާރާއާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާނަށް ވާރޭވެހޭ މިންވަރު ދަށްވެ، އެ ގައުމަށް ވަނީ ހަނަފަސްކަން ކުރިމަތިވެފައެވެ.



