މޫސުން ބަލާ 35 ސްޓޭޝަނެއް އެންވަޔަރަންމަންޓް މިނިސްޓްރީން މަރާމާތުކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ މޫސުމީ މައުލޫމާތު ދިނުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އެ މިނިސްޓްރީން(މޯލްޑިވްސް އިންޓަގްރޭޓެޑް ވެދަރ އެންޑް ކްލައިމެޓް ސެންޓަރ) އިން ފާއިތުވި 104 ހަފްތާގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އޮޓޮމެޓިކް މޫސުން ބަލާ ޖުމްލަ 45 ސްޓޭޝަނުގެ ތެރެއިން 35 ސްޓޭޝަން މިހާރު ވަނީ މުޅިން މަރާމާތުކޮށް، ޒަމާނީ ފެންވަރަށް ބަދަލުކޮށް ނިމިފައި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މިނިސްޓްރީން ބުނީ މޫސުމީ ޚިދުމަތްތަކަށް މުހިންމު މި ސިސްޓަމްތައް މަރާމާތުކުރުމުގެ މަސައްކަތަކީ، އެ އިދާރާއިން މޫސުމީ މައުލޫމާތު ދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށެވެ.
އަދި މިއީ މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ، ރައްޔިތުންނަށް ދުރާލާ އެކަމުގެ މައުލޫމާތު ދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަސައްކަތުގެ ސަބަބުން މޫސުމީ ޕްރެޑިކްޝަންތައް އިތުރަށް ސީދާކޮށް، މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
”މިފަދަ ސްޓޭޝަންތައް މަރާމާތުކޮށް، ޒަމާނީ ވަސީލަތްތަކުން ފުރިހަމަކުރުމަކީ، މަސްވެރިކަން، ފަތުރުވެރިކަން، އަދި ދަތުރުފަތުރުގެ ދާއިރާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް. ސަބަބަކީ، މޫސުމުގެ މައުލޫމާތުތައް ސީދާކޮށް ލިބުމުން، މިފަދަ ދާއިރާތަކުގެ މަސައްކަތްތައް ރައްކާތެރިކަމާއެކު ރާވައި ހިންގުމަށް ފަސޭހަވެގެންދާނެތީ. ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމީ އިންޒާރުތައް ދިނުމަށް މި ސިސްޓަމްތަކަކީ ވަރަށް މުހިންމު އެއްޗެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ މަރާމާތުކުރަން ބާކީ ހުރި 10 ސްޓޭޝަންގެ މަސައްކަތްވެސް މިހާރު ވަނީ ކާމިޔާބުކަމާއެކު ފެށިފައި ކަމަށެވެ.



